ޚަބަރު

ކޯވިޑް-19 : ޔޫ.އޭ.އީއަށް ފޮނުވާ ކެއަރޕެކެޖްތައް ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލައިފި


ކޯވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު މިވަގުތު ލޮކްޑައުން ކޮށްފައިވާތީ، ޔޫ.އޭ.އީ އަށް ފޮނުވާ ކެއަރޕެކެޖްތައް ބަލައިގަތުން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ފްލައިޓުގައި ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު 9:00 އިން މެންދުރު 15:00 ތިނެއް ޖަހަންދެން ތަކެތި ބަލައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މާލެ ލޮކްޑައުންކޮށްފައިވާތީ މިތަކެތި ބަލައިގަންނާނެ ދުވަހެއް ފަހުން އިޢުލާންކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ހާމަކޮށްފައިވެއެވެ.

ކެއަރޕެކޭޖްތައް ޔޫއޭއީއަށް ފޮނުވަން ހަމަޖެހިފައިވަނީ މާދަމާ ޔޫއޭއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައެވެ. މި ކާގޯ ފްލައިޓު ސަރުކާރުން ހަމަޖައްސާފައިވަނީ، ޔޫއޭއީގައި ތިބި ދިވެހި އާއިލާތަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެފަދަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށެވެ.

ކޯވިޑް19 ގެ މިހާލަތާ ގުޅިގެން އެކި ޤައުމުތަށް ލޮކްޑައުންކޮށްފައިވާތީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެފަރާތްތަކަށް ފޯރުވައިދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބެންކޮކްގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް މިއަދުވަނީ ބެންކޮކަށްވެސް ފުރާފައެވެ. މި ފްލައިޓްގައި ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅުނު ތައިލެންޑްގެ ރައްޔިތުންނާއި ތައިލެޑްގެ ފަތުރުވެރިން ހިމެނޭގޮތަށް 55 މީހުން ތައިލެންޑަށް ގެންގޮސްފައިވެއެވެ.

ސަރުކާރުން ވަނީ މެލޭޝިއާއާއި ސްރީލަންކާއާއި އިންޑިއާގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުންވެސް ތަކެތި ފޮނުވުމުގެ ފުރުޞަތު މީގެކުރިން ދީފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ރާޢްޖެ ގެނައުމުގެ މަސައްކަތް ފުރުޞަތު ލިބޭ ވަރަކުން ކުރަމުންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މެލޭޝިއާއާއި އިންޑިއާއާއި ސްރީލަންކާގައި ތިބި ބައެއް ދިވެހިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އިތުރު ދިވެހިން ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.