ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދީފައިވާ މީހުންނަށް ހުޅުމާލެއާއި ވިލިމާލެއަށް ދަތުރުކުރުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މާލެއިން ހުޅުމާލެއާއި ވިލިމާލެއަށް ބަހާއި ފެރީ ދަތުރު ކުރާނީ ދުވާލަކު 4 ފަހަރުއެވެ. އަދި ވިލިމާލެއާއި ހުޅުމާލެއިންވެސް އާއްމު ދަތުރުފަތުރުގެ ނިޒާމު މެދުވެރިކޮށް މާލެއަށް ދަތުރުތައް ބާއްވާނީ ދުވާލަކު ހަތަރު ފަހަރު ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އެގޮތުން ހުޅުމާލެއާއި މާލެއާ ދެމެދު ބަހުގެ ޚިދުމަތް ފަށާނީ ހެނދުނު 6:45ގައި ހުޅުމާލެއިންނެވެ. މި ބަސް މާލެއިން މީހުން ގޮވައިގެން ހުޅުމާލެއަށްދާނީ ހެނދުނު 8:30ގައެވެ. އަދި 9:00ގައި ހުޅުމާލެއިން މީހުން ގޮވައިގެން މާލެއަށް ދަތުރުކުރާ ބަހާއެކު މެންދުރު ކުރީގެ ބަސް ދަތުރުތައް މެދުކަނޑާލާނެއެވެ.
މެންދުރު ފަހު ބަސް ދަތުރުތައް ފަށާނީ 14:30ގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ބަހާއެކު ކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. އަދި މި ބަހުގައި ހުޅުމާލެއިން މީހުން ގޮވައިގެން މާލެ އައުމަށްފަހު މާލެއިން މީހުން ގޮވައިގެން ހުޅުމާލެއަށް ދާނީ 16:30ގައެވެ. އެއައްފަހު މާލެއިން މީހުން ގޮވައިގެން ހުޅުމާލެއަށް ބަސް ދަތުރުކުރާނީ ރޭގަނޑު 22:00ގައެވެ. އަދި ހުޅުމާލެއިން މީހުން ގޮވައިގެން މާލެއަށް ބަސް ދަތުރުކުރާނީ 22:30ގައެވެ. އަދި ރޭގަނޑު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަހު ބަސް އޮންނާނީ 00:30ގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ވިލިމާލެއިން މާލެއަށް މެންދުރު ކުރިން ފެރީ ދަތުރުތައް އޮންނާނީ ހެނދުނު 07:00 އާއި 09.00 ގައެވެ. އަދި މެންދުރު ފަހު ފެރީ އޮންނާނީ 15:00 އާއި ރޭގަނޑު 23:00ގައެވެ. އަދި މާލެއިން ވިލިމާލެއަށް މެންދުރު ކުރިން ފެރީ ދަތުރުތައް އޮންނާނީ ހެނދުނު 08:00 ގައެވެ. އަދި ހަވީރު ވިލިމާލެއިން ފެރީތައް އޮންނާނީ 16.30ގައެވެ. ރޭގަނޑު ފެރީ ދަތުރުތައް އޮންނާނީ 22:00 އާއި 00:30ގައެވެ.
މިގަޑިތަކުގައި ދަތުރު ކުރެވޭނީ ހަމައެކަނި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދީފައިވާ ފާސް އޮންނަ މީހުންނަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދީފައިވަނީ އެ ސެންޓަރުގައި މަސައްކަތްކުރާ މީހުނާއި، ޒަރޫރީ ޚިދުމަތްތައްދޭ މުއައްސަސާތަކާއި ކުންފުނިތަކާއި އަދި ކާބޯތަކެތި ޑެލިވަރީކުރާ މީހުންނަށެވެ. މިވަގުތުތަކުގައި އާއްމުންނަށް ދަތުރެއް ނުކުރެވޭނެއެވެ.
ލޮކްޑައުންނާއި ގުޅިގެން މިވަގުތަށް މާލެއާއި ވިލިމާލެއާއި ދެމެދު ދެމުންގެންދިޔަ އާއްމު ދަތުރުފަތުރުގެ ނިޒާމު އޮތީ މުޅިން ހުއްޓާލާފައެވެ.