ޚަބަރު

ކޯވިޑް-19 : ބަލި މީހުންގެ ޒާތީ މައުލޫމާތު މީސްމީޑިއާގައި ދައުރު ނުކުރުން އެދެން: ޑރ ނަޒްލާ


މިހާތަނަށް ރާއްޖޭގައި ފެނުނު ކޮވިޑް-19ގެ ކޭސްތަކުގެ ތެރެއިން މާލެތެރެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް އަދި ބަލިޖެހިފައިވާ މީހަކާއި ސީދާ ބައްދަލުވި މީހެއްކަން އެނގޭ މީހެއް ނޫނެވެ. އަދި މާލެއިން އޭގެފަހުން ޕޮޒިޓިވްވި 2 މީހުންނަކީ އޭނާގެ ކިބައިން ވައިރަސް އެރި މީހުންނެވެ.

މިއީ ކޮމިއުނީ ސްޕްރެޑެއްގެ ގޮތުގައި ނުވަތަ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ކޯވިޑް-19 ފެނުނު ފުރަތަމަ ފަހަރެވެ. މި މީހުން މާލެއިން ޕޮސިޓިވް ވުމާއިއެކު މުޅި މާޙައުލު މިބަނީ ބަދަލުވެފައެވެ. މާލޭގެ އެލަރޓް ލެވެސް ރަތަށް ބަދަލުކޮށް 24 ގަޑިއިރުގެ ލޮކްޑައުން ހާލަތަކަށް މިވަނީ ގެނެސްފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، މި ކަމުގައި ޝާމިލްވާ ހުރިހާ މުއައްސާއެއް ވަނީ ތައްޔާރީ ހާލަތުގައެވެ. މިވަގުތުގެ އެންމެ މުހިންމު މަސައްކަތެއްގެ ގޮތުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންދާ މަސައްކަތަކީ ބައްޔަށް ޝައްކުވާ، ނުވަތަ ބަލި ޖެހުނު މީހުނާއި ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތެވެ.

މާލެއިން މީހަކު ބައްޔަށް ޕޮސިޓިވްވި ވަގުތުން ފެށިގެން، ޕޮސިޓިވްވިކަމަށް ބުނާ މީހާގެ ފޮޓޯތައް ކަމަށްބުނެ ފޮޓޯތަކަކާއި އޭނާގެ ޒާތީ މައުލޫމާތުވެސް ބަޔަކު ދިޔައީ، ސޯޝަލް މީޑިއާގައި ދައުރުކުކުރަމުންނެވެ.

ބަލިޖެހޭ މީހުންގެ ފޮޓޯއާއި މަޢުލޫމާތު މިގޮތަށް ދަޢުރު ނުކުރުމަށް ނޭޝަނަލް އެމަޖެންސީ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާވަނީ ހުރިހާ އެންމެންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ. މީހާގެ މަޢުލޫމާތު އާއްމު ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ބަލިމީހާގެ ހުއްދަޔާއި ނުލައި މިފަދަ އެއްވެސް ޒާތީ މަޢުލޫމާތެއް ޙާމަކުރުމަކީ ސިއްޙަތުގެ ޤާނޫނުވެސް މަނާކަމެއްކަމަށެވެ. އަދި ބަލިމީހާގެ މައުލޫމާތު އާއްމުކުރުމުން އެހެން މީހުންނަށް ރައްކާތެރިކަން ލިބޭނެކަމަށް އަމިއްލަ ނަފުސަށް ޤަބޫލު ކުރެވޭ ޤަބޫލު ކުރުމަކީ ކުށްހީއެއް ކަމުގައިވެސް ޑރ ނަޒްލާ ވިދާޅުވިއެވެ.

އަދި އެގޮތަށް މީހެއްގެ މައުލޫމާތު އާއްމު ކުރުމަކީ އެތަށް ގޮތަކުން ނަފްސާނީ އަސަރުތަކެއް ކުރާނެ ކަމަކަށްވާއިރު، މީގެކުރީގައިވެސް އެޗްއައިވީއާއި ޓީބީފަދަ ބަލިތައް ޖެހޭމީހުންގެ މަޢުލޫމާތުވެސް އާއްމު ނުކުރާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ޚާއްސަކޮށް މިފަދަ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތް ވަގުތުގައި މީހާ އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ކަމާބެހޭ އިދާރާއަކުން ހާމަނުކުރައްވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި އެއްވެސް ދުލެއް ދިނުމެއްނެތި މީހާގެ ހުރިހާ މަޢުލޫމާތެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެއްކޮށް، އެމީހާއަށް ބަލި ޖެހުމަށް މެދުވެރިވި ހުރިހާ ގޮތެއް ދެނެގަތުމަށް މަސައްކަތް ކުރަމުން ދާނެ ކަމުގައި ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި މި މީހާގެ ކިބައިން ބަލި ފެތުރުމަށް އޮތް ފުރުސަތުތައްވެސް ދެނެގަތުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ 2 ދުވަސް ކުރިން ފަށައިގެ އައިސޮލޭޝަންއަށް ގެންދިއުމާއި ހަމައަށް މީހާގެ ހުރިހާ މޫވްމަންޓްތައް ދެނެގަނެ ޓައިމްލައިނެއް އެބަ ހަދަން. ދިޔަ ތަންތަން، ބައްދަލުވި މީހުން، ޑޮކްޓަރަށް ދައްކަން ދިޔަ ތަންތަން. މި ހުރިހާ މަޢުލޫމާތެއް އެއްކޮށް ޓްރޭސްކުރަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ބެލިބެލިމުން މާލޭގެ ގެތަކަކާއި، 3ރަށަކާއި އަދި ބައްދަލުވި މީހުން ދެނެގަތްއިރު 59އަށް ވުރެ ގިނަ މީހުންނަށް ވަނީ އައިސޮލޭޓްވުމަށްވެސް އަންގާފައެވެ.

އަދި މާލެތެރެއިން ބައްޔަށް ޕޮޒިޓިވްވި މީއާއި ޑައިރެކްޓް ކޮންޓެކްޓްވި 11 މީހަކު ޓެސްޓް ކުރި އިރު އޭގެތެރެއިން ދެމީހުން ވަނީ ބައްޔަށް ޕޮޒިޓިވްފެފައެވެ. ޕޮޒިޓިވްވި މީހުންެ ތެރޭފައި ފުރަތަމަ ބަލިޖެހުނު މީހާގެ ތުއްތު ދަރިފުޅު ހިމެނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގެ ހާލަތު ގޯސްވެފައި ވާއިރު، ފަރުދީގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.