ޚަބަރު

ވަކި ގޮތެއް އަންގަންދެން ޓެލި ކިލާސްތައް މެދުކަނޑާލަން ނިންމައިފި


އެޑިއުކޭޝަން މިނިސްޓްރީން ޓީވީ ޗެނަލްތަކާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ގެނެސްދޭ ޓެލި ކިލާސްތައް ވަގުތީގޮތުން މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މާލެއިން ކޯވިޑް-19ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން މާލެ 24 ގަޑިއިރުގެ މުއްދަތަކަށް ލޮކްޑައުން ކުރުމާ ގުޅިގެންނެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައިވާތީ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ޓެލިކިލާސްގެ ނަމުގައި ކްލާސްތައް ނަގާދޭން ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ގްރޭޑް އެކަކުން ފެށީގެން 11 އާ ހަމަޔަށް މި ކްލާސްތައް ހިންގައެވެ. އަދި މިހާރު ވަނީ ފައުންޑޭޝަން ލެވެލްގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ "ކޮއްކޮމެންގެ ޓެލިކިލާސް"ތައްވެސް ފަށާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޓެލި ކިލާސްތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އަލުން ފަށާނެ ވަކި ތާރީޚެއް އެޑިއުކޭޝަން މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.

ޓެެލެކިލާހުގެ ހުރިހާ ފިލާވަޅުތައް އެއްތަނަކުން ފެންނާނެގޮތް ހަމަޖެއްސުމަށް "ފިލާ"ގެ ނަމުގައި ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ވަނީ ވެބްސައިޓެއްވެސް ހަދާފައެވެ.

މި ވެބްސައިޓަކީ ކޮންމެ މީހަކަށްވެސް ބޭނުންކުރަން ފަސޭހަވާނެހެން ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. އެގޮތުން ވެބްސައިޓް ހަދާފައިވަނީ ވަކި ވަކި ގްރޭޑްތަކާއި، ވަކި މާއްދާތަކާއި، ވަކިވަކި ސްކޫލްތަކުގެ މެޓީރިއަލްތައްވެސް އަޕްލޯޑްކޮށް ކުދިންނަށް ފޯރުކޮށްދެވޭގޮތަށެވެ. މި މެޓީރިއަލްތައް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެއެވެ. އަދި ޑައުންލޯޑްކޮށްގެންވެސް ބޭނުންކުރެވޭނެއެވެ. މި ވެބްސައިޓް މެދުވެރިކޮށް ވޯކްޝީޓްތައްވެސް ދަރިވަރުންނަށް ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.