ޚަބަރު

ކޯވިޑް-19 : ފުރަ ބަންދުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަދޭން ފަށައިފި


ކޯވިޑް-19އާ ގުޅިގެން ފުރަބަންދު އިޢުލާންކޮށްފައިވާ ވަގުތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މިހާރު މާލޭގައި 24 ގަޑިއިރަށް ފުރަ ބަންދު އިޢުލާންކޮށްފައިވުމުން، މިދަނޑިވަޅުގައި ޒަރޫރީ ޙާލަތެއްގައި ބޭރަށް ނިކުންނަން ބޭނުންވާ މީހުން އެސެންޓަރުގެ ޚާއްސަ ހުއްދައެއް ބޭނުންވާނެކަން ހާމަކުރައްވާފައެވެ. މި ހުއްދަ ހޯދުމަށް އެންއީއޯސީގެ ނަންބަރު 3034444އަށް ގުޅުމުން އެކަމުގެ އިންތިޒާމުތައް ހަމަޖެހޭނެއެވެ. މީގެ އިތުރުން ޑެލިވަރީތަކަށް ބޭނުންވާ ފާސް ހޯދުމަށް މެއިލް މެދުވެރިކޮށް އެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިފުރުސަތު [email protected] މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.

މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މާލެ ފުރަބަންދުކުރާ ވަގުތުތަކުގައި ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރެޖިސްޓަރ ކުރުމަށް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މާލޭ ސިޓީ ކައުންސިލުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑެލިވަރީ ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެކައުންސިލްގެ "ފަސޭހަ ގުޅުން" ޕޯޓަލްގައި (https://faseyhagulhun.malecity.gov.mv) ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މި ޕޯޓަލްގައި މިހާތަނަށް 362 ފިހާރައަކުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ 334 ފިހާރައަކާއި ވިލިމާލޭގެ 30 ފިހާރައެއްގެ އިތުރުން ހުޅުމާލޭގެ 90 ފިހާރައެއް ހިމެނެއެވެ.