ޚަބަރު

"މިޙާލަތުގެ ނާޖާއިޒު ފައިދާ ނަގައި، ހިންގާ އެއްވެސް އަމަލަކުން ސަލާމަތީ ބާރުތައް ގުޑުވައެއް ނުލެވޭނެ"


ކޯވިޑް-19އާ ގުޅިގެން މިޙާލަތުގެ ނާޖައިޒް ފައިދާ ނަގައި، ބަޔަކު ހިންގާ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ ބާރުތައް ފަހަތައް ޖައްސައި ގުޑުވައި ނުލެވޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ހަރުކަށި ފިކުރުތަކަށް ބާރުދޭ މީހުންނާއި ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން މިދަނޑިވަޅުގެ ނާޖައިޒް ފައިދާނަގައި ސަލާމަތީ ބާރުތަކާއި ދިމާކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ މިހާލަތުގައިވެސް އަދި އެއްވެސް ހާލަތެއްގައިވެސް ސަލާމަތީ ބާރުތަކާއި ދިމާކޮށް ފަހަތައް ޖައްސާލަވޭނެކަމަށް ހީކުރުމަކީ ވަރަށްގޯސް ވިސްނުމެއްކަމަށެވެ. މިޚައްސާސް ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި އެންމެ ފަހު މީހާއާހަމަޔަށް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ފުލުހުންގެ އުޅަދުތަކާއި ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކުގައި ބޭނުންކުރާ އުޅަދުފަހަރުތަކާއި ޢާންމު ރައްޔިތުންގެ އުޅަދުތަކުގައި ރޯކޮށް މި ހިންގާ އަމަލުތަކަކީ ސަލާމަތީ ބާރުތަކަށް ގޮންޖަހާލުމަށް ހިންގޭ އަމަލުތަކެއްކަމަށް މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވިއެވެ. އަދި މިގޮތަށް ސަލާމަތީ ބަރުތަކަށް ގޮންޖަހައި ކުރިލިބޭނެކަމަށް ހީކޮށް އެމަސައްކަތް ކުރުމަކީ މޮޔަކަމެއްކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިޙާލަތުގަައި ސަލާމަތީ ބާރުތަކުން އެންމެބޮޑު އިސްކަމެއްދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށެވެ. އަދި މިޙާލަތުގައި އެޗްޕީއޭއާއި، ކަމާއި ގުޅުންހުރި ވުޒާރާތަކުން އަންގާ އެންގުންތައް ތަންފީޒުކުރުމުގައި ސަލަމާތީ ބާރުތަކުން ވަރުބަލި ކަމެއްނެތި މަސައްކަތް ކުރައްވާނެކަމަށްވެސް ސަލާމަތީ ބާރުތަކުން ވިދާޅުވިއެވެ.