ވިޔަފާރި

ކޯވިޑް-19: މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެ


މާލެ ސިޓީ ލޮކްޑައުންކޮށްފައިވާ މުއްދަތުގައި މަނިޓަރީ އޮތޯރިޓީއާއި ބޭންކުތައް ބަންދުވާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް "ލޮކްޑައުން" ކޮށްފައެވެ. މި ދަނޑިވަޅުގައި އެއްވެސް ވަރަކަށް މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާކަމެކެވެ.

މި ހަފްތާއަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް އެމްއެމްއޭއިން ކުރިން ބުނެފައިވަނީ މިހަފްތާގެ 3 ދުވަހު އެމްއެމްއޭ އަދި ބޭންކުތަކުން ޙިދުމަތް ދޭނެކަމަށެވެ. އެގޮތުން 13، 14 އަދި 16 އޭޕްރިލް މި 3 ދުވަހު، ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 ގެ ނިޔަލަށް އެމްއެމްއޭއާއި ބެންކުތައް ހުޅުވާފައި ހުންނާނެކަމަށް އޭރު ބުނެފައިވެއެވެ.

ނަމަވެސް މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ބެންކުތައް ނުހުޅުވުމަށް ވަނީ ނިންމާފައެވެ. ޤައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއިންވެސް ބުނައިފައިވަނީ މާދަމާ އެބޭންކުގެ ހުރިހާ ބުރާންޗަކާއި އޭޓީއެމްތައްވެސް ބަންދުވާނެކަމަށެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ މަގު ފަހިކޮށްފައެވެ.