 
					
									
			ކޯވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއިން ޕޮޒިޓިވްވި މީހަކު ފެނުމާއެކު މުޅި ރާއްޖެމިވަނީ ބޮޑު ބިރުވެރިކަމަކަށް ގޮސްފައެވެ. 
ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ހާސްކަން މިވަނީ އިންތިހާއަށް ގޮސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައިވަނީ ކެތްތެރިކަމާއެކު ކުރިއަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. 
ޤައުމުގެ ޙާލަތާއި ރައްޔިތުންގެ ކަންކަން އިންތިޒާމުކުރަންޖެހިފައިވާ ދަތި އުނދަގޫ ގޮތްތައް ވިދާޅުވެދެއްވިވަގުތު ބޭއިޚްތިޔާރުގައި އެމަނިކުފާނަށް ކީރިތިކުރެއްވުނެވެ. މާނައަކީ މިޙާލަތުހެ ހިތްދަތިކަމާއި އުނދަގޫކަމެވެ. ކޯވިޑް-19އަކީ އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔަކަށްވާއިރު ބައްޔަށް ރައްކާތެރިވުމަށް އެމަނިކުފާނުވަނީ އާދޭހާއިއެކު ރައްޔިތުން ގޭގައި ތިއްބެވުމަށް އިލްތިމާސްކުރައްވާފައެވެ. 
ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ޚިލާފަށް އުފެއްދުންތަކުގެ ވަސީލަތްތައްމަދު، އަމިއްލަ ފުދުންތެރިކަން ކުޑަ ޤައުމެއްކަން ޤަބޫލުކުރަންޖެހެއެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާތަކެއްޗެއް ބޭރުން އެތެރެކޮށްގެން އުޅޭ ބައެކެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މިފަދަ ނުރައްކާތެރި ޙާލަތެއްގައި ޤައުމަށް ކުރިމަތިވާނެ އެންމެ ރަނގަޅަށް ތަސައްވަރުކުރެވޭނެ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާއެވެ. މިޙާލަތުގެ އެންމެބޮޑު އަސަރެއް އިޙްސާސްކުރަންޖެހޭ ބޭފުޅަކީވެސް އެމަނިކުފާނެވެ. 
ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.  މިހާތަނަށްވެސް ރާއްޖޭގެ މުޖުތަމަޢުގެތެރޭގައި މިބަލި ފެތުރިގެން ނުގޮސް މަޑުޖެހުމުގެ އެއްސަބަބަކީ މިއެވެ. މިކަމުގައި ކަމާބެހޭ ފަރާތްތަކުންވަނީ ވަރަށްބޮޑު ގުރުބާނީތަކެއްވެފައެވެ. 
ރާއްޖޭގައި އެންމެ ގިނަބަޔަކު ދިރިއުޅެމުންދާ މާލެސިޓީ ހިމެނޭ ސަރަޙައްދު މިވަނީ ފުރަބަންދުކޮށްފައެވެ. ޢާންމު ދިރިއުޅުން މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމާގުޅިގެން ޢާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާކަމަށާއި ނަމަވެސް މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅާއެކު ރާއްޖޭގެ މިހާރުގެ ޙާލަތުވަނީ ވަރަށްބޮޑަށް ވަޒަން ކުރެވިފައެވެ. ރައްޔިތުންނަށްޓަކައި ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކުން ކުރަންޖެހުނު ކޮންމެކަމެއް ކުރުމުގައި ފަސްޖެހުމެއް ނެތްކަންވަނީ ހާމަވެފައެވެ. ކޯވިޑް-19އިން ރައްކާތެރި ވުމަށްވުރެ ފަރުދީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރެއްވުމަށް ޤައުމުގެ އެންމެ އިސްވެރިޔާ ވަނީ އާދޭހާއިއެކު އިލްތިމާސްކުރައްވާފައެވެ. 
އެމަނިކުފާނުގެ އާދޭހަކީ އެންމެހައި ބޭފުޅުންވެސް ގޭގައި މަޑުކޮށްދެއްވުމެވެ. މިއީ ޤައުމެއްގެ ޙައިސިއްޔަތުން ރައްޔިތުންނަށް ނުކުރެވޭނެ ކަމެއްނޫނެވެ. މިހާތަނަށްވެސް ދިވެހި ރައްޔިތުންވަނީ ޤައުމު ގޮވާލާ މިފަދަ ކޮންމެ ކަމަކަށް ހެޔޮހިތުން އިޖާބަދީ ނަމޫނާ ދައްކާފައެވެ. 
ކޯވިޑް-19އަކީ ރައްޔިތެއްގެ އަމަލުތައް ހުންނަ ގޮތަކުން މުޅި މުޖުތަމައަށް އެކަމުގެ ނުރައްކާ ކުރިމަތިވެދާނެ ބައްޔެކެެވެ. މިޙާލަތުން ސަލާމަތްވާންއޮތީ ގޭގައި ތިބެގެންނެވެ. މިއީ ކުރަން ފަސޭހަ ކަމަކަށްނުވިޔަސް، މިއަދު އުޅެން ޖެހިފައިވާގޮތެވެ. މިވަގުތު ތަޤުދީރު ނިޔާކުރާގޮތެވެ. މިކަމުން އަރައި ގަތުމަށް އޮތީ ﷲގެ ހަޒުރަތުގައި ދުޢާކުރުމާއެކު ސަބަބުތަކުގައި ހިފުމެވެ. 
ކީރިތިކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިލްތިމާސަށް ޢަމަލުކުރަމާތޯއެވެ.