 
										
			މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފިއެވެ.
ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. 
ރާއްޖޭގައި ދެން ޑޮމެސްޓިކް ފްލައިޓުތަކުގެ ޗާޓަރ ދަތުރުތައް ބާއްވަމުން އަންނަ މަންޓާ އެއަރއިންވެސް ވަނީ ލޮކްޑައުންގެ މުއްދަތުގައި އުދުހުންތަކުގެ ދަތުރުތައް މެދުކަނޑާލުމަށް ނިންމާފައެވެ. 
ކޯވިޑް-19 އާއި ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުންގޮތުން ކުރިން ދުވާލަކަށް 50 ޑޮމެސްޓިކް ފްލައިޓު އެއަރޕޯޓަށް ޖެއްސިނަމަވެސް މިހާރު އެއަރޕޯޓަށް ޖައްސަނީ ދުވާލަކަށް 5 ފްލައިޓެވެ. 
މާލޭގައި ދިރިއުޅޭ ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، މާލެ ސިޓީ ވަނީ 24 ގަޑިއިރަށް "ލޮކްޑައުން" ކޮށްފައެވެ. މި ދަނޑިވަޅުގައި އެއްވެސް ގޮތަކަށް މީހުން މަގުމައްޗަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމުގައި އެޗްޕީއޭއިން ވަނީ އަންގާފައެވެ.