ޚަބަރު

ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ މީހުން ރެޖިސްޓްރީވުމަށް މިރޭ ހުޅުވާލާނެ: ފުލުހުން


ޒަރޫރީ ޚިދުމަތްތައް ދިނުމަށް ކޮންމެހެން ނިކުންނަންޖެހޭ މީހުން ރެޖިސްޓްރީވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މި ފަރާތައް ރެޖިސްޓްރީ ކުރުމުގައި އަމަލުކުރަންވީ ގޮތާއި ގުޅަންޖެހޭ ފޯނު ނަންބަރުތައް މިރޭ ފުލުުހުންގެ އިދާރާއިން އާއްމު ކުރައްވާނެ ކަމަށެވެ.

މުޅި ގުރޭޓާމާލެ ފުރަބަންދުކޮށްފައިވާއިރު، ފުލުހުން ވަނީ މިކަމާއި ގުޅިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

ނަވީން ވިދާޅުވީ މި ފިޔަވަޅުތައް އެޅުމަށް ނިންމި ނަމަވެސް ކާބޯތަކެތި ޑެލިވަތީކުރުމުގެ ހުއްދަ، ފާސް ކުރިން ދޫކުރި ފަރާތްތަކަށް ކަނޑައެޅިފައިވާ ވަކި ވަގުތަކާއި ހަމައަށް މި ޙިދުމަތް ދިނުމުގެ ފުރުސަތު ލިބޭނެކަމަށެވެ. ނަމަވެސް އެ ވަގުތުގެ ފަހުން އަލުން ރެޖިސްޓްރީކޮށް، ފުލުހުންގެ ހުއްދަ އަލުން ހޯދަން ޖެހޭނެކަމުގައި އޭނާ ވިދާޅުވިއެވެ. މިރޭ ރެޖިސްޓްރީވާ މީހުންގެ ތެރެއިން ހުއްދަދޭ ފަރާތަކަށް މާދަމާ ހެނދުނު ފާސް ދޫކުރާނެކަމަށް ނަވީން ވިދާޅުވިއެވެ.

މިގޮތަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ ޒަރޫރީ ޚިދުމަތްތައް ދޭ މީހުންނާއި، ވަޒީފާގެ ބޭނުންތަކަށް ދާ މީހުންނަށެވެ. އެގޮތުން ކާބޯތަކެތި ޑެލިވަރީކުރާ ފަރާތަކާއި، އެންއޯސީ އާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތާއި، އަދި އޮފީސްތަކަށްވެސް ވަކި އަދަކަށް ފަސް ދޫކުރާނެއެވެ. ނަވީން ވަނީ އެންމެ މަދު މުޢައްޒަފުން ޚިދުމަތްތައް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

"ޙުއްދަ ދެވެނީ ވަކި އަދަދަކަށް. މިއީ އެންމެ މަދު މުއައްޒަފުން ނެރެންވީ ވަގުތު. ކޮންމެހެން މަސައްކަތށް ނެރުންވަންޖެހޭ އަދަދަށް މީހުން ނެރުއްވާ." ނަވީން ވިދާޅުވިއެވެ.

މީގެއިތުރަށް ޒަރޫރީ ބެނުމަށް ކޮންމެ ނިކުންނަ ޖެހިއްޖެ ޙާލަތެއްގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ.

"ކޮންމެހެން ނުނިކުމެ ނުވާ ކަންކަމުގައި ނިކުމެވޭނެ. ގުޅައި އެކަން އަންގާއި، ދާތަނާއި ވަގުތާއި ބެނުން އެންގުމަށްފަހު ދެވޭނީ. ނިކުން ކޮންމެ މީހަކުވެސް ފާހާއި އައިޑީކާޑް ހިފައިން ދިއުމަށް އިލްތިމާސްކުރަން". ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ފުލުހުން 24ގަޑިއިރު ގުރޭޓާމާލެ އޭރިއާ ބަލަހައްޓަމުން ގެންދާނެކަމަށް ވިދާޅުވެފައެވެ.