ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު މިއަދު މާލެއިން ފެނުމާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުގެ ކަންބޮޑުވުމާއި ހިތްދަތިކަމުގެ އަސަރުން ކީރިތިކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވައިފިއެވެ.
މިޙާލަތުގައި ސަރުކާރުން ވެފައިވާ ތައްޔާރީތަކާއި އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ވާހަކަ ވިދާޅުވިއިރު، އެމަނިކުފަނުގެ އަރުފުޅު ބެދި އަޑު ކުރަކިވެގެންދިޔަކަން ފާހަގަކުރެވުނެވެ. އަދި އަޑުފުޅުގައި ކީރިތިކުރެއްވުމުގެ އަސަރު ފާހަގަކުރެވުނެވެ.
ޤައުމާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ކޯވިޑް-19 ފެތުރިދާނެ ޙާލަތަށް ދުރާލާ ރާއްޖެއިން ތައްޔާރުވެފައިވާކަން ހާމަކުރައްވާފައެވެ. ކީރިތިކުރެއްވޭތީ ލަސްލަހުން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ މި ބަލިން އަރައިގަތުމަށް ދައުލަތުގެ މުއައްސަސާތަކުން އިތުރަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
އަދި މުޅިދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދާ މިބަލި ރާއްޖޭގެ މުޖުތަމަޢުގެތެރެއަށް ފެތުރިދާނެ ޙާލަތަކަށް ބައްލަވައި މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ސަރުކާރުން އައީ ތައްޔާރުވަމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެންމެ މީހަކު ވިޔަސް މާލެއިން މީހަކު ޕޮޒިޓިވް ވެދާނެކަމަށްބަލައި ސަރުކާރުން ތައްޔާރުވެފައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެއިން މީހަކު ޕޮޒިޓިވްވި ޚަބަރު ލިބިވަޑައިގަތީ މިއަދު ހެނދުނުކަމަށެވެ. އޭނާ މާލޭ ފްލޫކުލިނިކަށް ދެއްކީ އިއްޔެގެ ވަގުތެއްގައިކަމަށާ، ޓެސްޓްކުރީވެސް އިއްޔެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓެސްޓްގެ ނަތީޖާ މިއަދު ލިބުމާއެކު ޕޮޒިޓިވްވާ މީހުންނާ މެދު ޢަމަލުކުރާ އުސޫލުން އޭނާއާމެދު ޢަމަލުކުރަމުން އަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރި މީހެއް ނޫނެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހަކާ މިމީހާއާ ސީދާ ދިމާވެފައިވާކަމުގެ ހެއްކެއްވެސް އަދި ލިބިފައެއް ނުވެއެވެ. އެހެންކަމުން އޭނާއަށް މިބަލި ޖެހެން ދިމާވިގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭނާއާ ސީދާ ދިމާވި މީހުން ދެނެގަނެ އޭގެތެރެއިން 11 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މިވަގުތުގެ އެންމެމުހިންމު އަމާޒަކީ ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުންކަމަށެވެ. ކޯވިޑް-19ގެ ނުރައްކާ ވީހާވެސް ކުޑަކުރުމަށް ކުރެވެންއޮތް ކޮންމެކަމެއް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާލަތުގައި ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭފުންފުޅުވާކަން ވަރަށް އަސަރާއެކު ރައީސް ހާމަކުރެއްވިއެވެ. މިޙާލަތުގައި ޢާންމު ދިރިއުޅުމަށް ދަތިވާނެކަން އެނގިވަޑައިގންނަވާކަމަށާ، އެހެންނަމަވެސް މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްލަންދިނުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ރާއްޖޭގައި ކާބޯތަކެއްޗާއި ޒަރޫރީ ބޭހާއި އެނޫންވެސް ތަކެތީގެ ސްޓޮކް ރަނގަޅު މިންވަރަކަށް އެބަހުރިކަމަށާ، މި ދަނިޑިވަޅުގައި ޒަރޫރީ ބޭނުން ފުއްދޭނެގޮތަށް އިދާރާތަކުން ކަންކަން ރާވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެންމެފަހުގެ އެދިވަޑައިގަތުމަކީ އެންމެހައި ރައްޔިތުން އެކަކު އަނެކަކަށް އޯގާތެރިކަމާ އެކުވެރިކަމާއެކު މުޢާމަލާތްކުރުމެވެ. އަދި ކެތްތެރިކަން އިސްކޮށް އިސްލާމްދީނުގެ މަތިވެރި އުސޫލުގައި ސާބިތުވެ ތިބުމެވެ.