ޚަބަރު

ކޯވިޑް-19: ލޮކްޑައުން މުއްދަތުގައި ވެމްކޯއިން ދެމުންދާ ޙިދުމަތްތައް މެދުކަނޑާލަނީ


މާލެ ސިޓީ ލޮކްޑައުން މުއްދަތުގައި ވެމްކޯއިން ދެމުންދާ ޙިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލެ 24 ގަޑިއިރަށް ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީންވަނީ މިއަދު އިއުލާން ކޮށްފައެވެ.

ވެމްކޯއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެޗްޕީއޭ އާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ލަފާގެ މަތިން މިކަމުގައި ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން، އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ އެންމެހައި ޚިދުމަތްތައް ލޮކްޑައުން މުއްދަތުގައި ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާފައިވާ ކަމަށެވެ.

ޚިދުމަތްތައް ހުއްޓާލާފައިވާ މިދަނޑިވަޅުގައި، ގޭބިސީތަކުންނާއި ވިޔަފާރިތަކުން އުފެދޭ ކުނި މަދުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށާއި، އަދި އުފެދޭ ކުނި އެންމެ އެކަށީގެންވާ ގޮތުގައި (ދެކޮތަޅަށްލުމަށްފަހު) ރަނގަޅަށް ބަންދުކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހާލަތަށް ރިޢާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު ކޯޕަރޭޝަނުގެ މެދުކެނޑިފައިވާ ޚިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރަމުންދާނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.