ޚަބަރު

ކޯވިޑް-19 : މިހާލަތުގައިވެސް ޚަރަދުކުރާނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް


ރާއްޖޭގައި އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް، އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް މިދަނޑިވަޅުގަ ދައުލަތުން ކުރާ ކޮންމެ ހޭދައެއްވެސް ކުރަމުންދަނީ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައިގަ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޞިއްޙީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ދައުލަތުން ކުރަންޖެހޭ ޚަރަދު ކުރުމުގައި ކުރިއެކޭ އެއްގޮތަށް އެއްވެސް ތަފާތެއް ނެތްކަމަށެވެ.

މި ޙައްޞާސް ދަނޑިވަޅުގައިވެސް ދައުލަތުން ކުރާ ޚަރަދުތައް ކުރަމުންދަނީ މާލިއްޔަތު ޤާނޫނާއި، ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށްކަމަށް އަމީރު ވިދާޅުވިއެވެ. ޞިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، އޮފީސްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަކީ ސަރުކާރުން ކޮށްދޭނެ ކަންތައްތަކެއްކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ކުއްލި ހާލަތްތަކުގައިވެސް ދައުލަތުގެ ޚަރަދުތައް ކުރާނެ ގޮތްތަކެއް މާލިއްޔަތު ޤާނޫނާއި، ޤަވާއިދުތަކުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މިއަދު ރާއްޖެއަށް ދިމާވެފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އަމަލުކުރަމުންދަނީ މިހާލަތުގައި ޚަރަދުކުރުމަށް ޤާނޫނާއި ޤަވާއިދުތަކުގައިވާގޮތުގެ މަތީންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތަށް ކުރެވޭ ޚަރަދުތަކާއި، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހިންގޭއެކި މުއާމަލާތްތައް މިހާލަތުގައިވެސް އާންމު ކުރެވިފައިވާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ޞިއްޙީ ގޮތުން ދިމާވާ މިފަދަ ހާލަތްތަކުގައިވެސް އަދި ކުއްލި ހާލަތްތައްކުގައި އަމަލުކުރަންޖެހޭ ގޮތްތަކެއް މާލިއްޔަތު ޤާނޫނާއި، ގަވާއިދުތަކުގައި ބަޔާންކޮށްފައިވޭ. އަޅުގަނޑު ޔަގީންކަމާއިއެކު މިދަންނަވަނީ މިހާލަތުގައި ދައުލަތުން ކޮށްފައިވާ އެއްވެސް ޚަރަދެއް މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކޮށްފައި ނުވާނެކަމަށް. އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް އަޅުގަޑުމެން މިދަނީ ކޮންމެ ހަފްތާއަކު ކޮންމެ މަހަކު ކުރެވޭ ޚަރަދުތައް އާންމުކުރަމުން" ފިނޭންސް މިނިސްޓަރ ވިދާޅުވި.

ޞިއްޚީ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު ރާއްޖެއިންވެސް ދުރާލާ މިކަމަށް ތައްޔާރުވަމުންދިޔަ ކަމަށާއި މިމަސައްކަތް ކުރުމުގައި ކަމާއިބެހޭ ވުޒާރާތަކުގެ ތެރެއިން އެމްއެމްއޭއާއި، ޓުއަރިޒަމް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީންވެސް ގުޅިގެން މަޝަވްރާތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިހާލަތާއި ކުރިމަތިލީއިރު އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ މާބޮޑަށް އަދަދު މައްޗަށްއަރައިގެން ގޮސްފައިވާކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާލަތުން އަރައިގަނެވި އިޤްތިޞާދީ ކަންކަން ފެށެންވާއިރަށްވެސް ވިޔަފާރިތައް ހުއްޓުމަކަށްނައިސް، ވަޒީފާތަކުން މީހުން ވަކިނުވާނޭ ގޮތަކަށް ފައިނޭންޝަލް އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.