ޚަބަރު

ކޯވިޑް ފެތުރޭތީ ހިމަބަހި ވެކްސިން ނުދެވި ގިނަ ކުދިންތަކެއް މަރުވެދާނެކަމުގެ ބިރު


ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ 117 މިލިއަަނަށްވުރެ ގިނަ ކުޑަކުދިންނަށް ބޭނުންވާ ހިމަބިހި ވެކްސިން ވަގުތުން ވަގުތަށް ނުލިބިދާނެކަމަށް އދ އިން ބުނެފިއެވެ.

ގިނަ ޤައުމުތަކުގެ ޞިއްޙީ ނިޒާމު މިވަގުތު މަސައްކަތް ކުރަމުންދަނީ ކޯވިޑް-19 އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. އެހެންކަމުން ވަކި މުއްދަތެއްގެ ތެރޭގައި ދޭން ޖެހޭ ވެކްސިން ދިނުމުގައި ލަސްތައްދަނީ ކުރިމަތިވަމުންނެވެ.

އދ އިން ބުނީ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާތީ އާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން މަދުވެގެން 24 ޤައުމެއްގައި ހިމަބިހި ވެކްސިން ދިނުން ފަސްކުރެވިފައިވާކަމަށެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު 37 ޤައުމެއްގައި ހިމަބިހި ވެކްސިން ދިނުން ފަސްވާނެކަމަށް މީސްލްޒް އެންޑް ރުބެއްލާ އިނިޝިއޭޓިވް (އެމްް.އެންޑް.އާރު.އައި) އިން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއު.އެޗް. އޯ އާއި ޔުނިސެފްގެ އެހީތެރިކަން ލިބެމުންދާ އެމް.އެންޑް.އާރު.އައި އިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ދިނުން މެދުކަނޑާލަން ޖެހިއްޖެ ޙާލަތެއްގައި އެޤައުމުތަކުގެ ސަރުކާރުތަކުން ވެކްސިން ނުދީ ތިބި ކުދިންގެ މަޢުލޫމާތު އެއްކޮށް، ބަލި ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑު ސަރަޙައްދުތަކުގައި ތިބި ކުދިންނަށް ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުން ވަރަށް މުހިންމުކަމަށެވެ.

ހިމަބިހިީގެ ސަބަބުން 2018 ވަނަ އަހަރު 140،000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ފަސޭހަކަމާއެކު ފެތުރޭ އެބަލީގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. އެބައްޔަށް ވެކްސިނެއް ތަޢާރަފްކުރިފަހުން 2000 ވަނަ އަހަރާއި 2018 އާއި ދެމެދު 23 މިލިއަން ކުޑަކުދިން އެބަލިން ސަލާމަތްކުރެވިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއއެވެ