ޚަބަރު

އޭއީއެޗްގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ކާމިޔާބު އޮޕަރޭޝަނެއް


އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް)ގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

މިއަދުކުރި މި ދެ އޮޕަރޭޝަން ކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުގެ ކަށީގެ ޚާއްސަ ޑޮކްޓަރު، ޑރ.ޔޫސުފް ޝާންގެ ބެއްލެވުމުގެ ދަށުންނެވެ. މިދެ އޮޕަރޭޝަން ކުރެވުނީ ޢުމުރުން 64 އަހަރުގެ އަންހެނަކާއި، ޢުމުރުން 68 އަހަރުގެ ފިރިހެނެއްގެ އެވެ. މިދެ އޮޕަރޭޝަންވެސް ކާމިޔާބު ކަމަށާ އޮޕަރޭޝަން ކުރެވުނު ދެމީހުންގެ ޙާލުވެސް ރަނގަޅު ކަމަށް އޭ.އީ.އެޗްއިން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމް ހޮސްޕިޓަލުން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެހޮސްޕިޓަލުގެ ކަށީގެ ޚާއްސަ ޑޮކްޓަރު ޑރ.ޔޫސުފް ޝާން ވަނީ އޭ.އީއެޗްގެ މުވައްޒަފުންނަށް މިދެއޮޕަރޭޝަނުގެ ކުރިން ކަމާގުޅޭ ޚާއްސަ ތަމްރީނުތަކެއް ދެއްވާފައިކަމަށެވެ. މިތަމްރީން ދެއްވީ މިއީ އޭ.އީ.އެޗްގައި ކުރި މައިބަދައިގެ ފުރަތަމަ އޮޕަރޭޝަން ކަމުން އެކަމަށް ތައްޔާރު ވުމުގެ ގޮތުންކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕޓަލް (އޭ.އީ.އެޗް)އިން މައުލޫމާތު ދެއްވިގޮތުގައި، ކާމިޔާބުކަމާއެކު ކުރި މި ދެއޮޕަރޭޝަނާއެކު ކުރިއަށް އޮތްތަނުގައި މާލެއިން ޑޮކްޓަރުން ނުގެންގޮސް އެހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތަށް ކުރެވޭނެގޮތަށް މަސައްކަތައް ކުރައްވާނެކަމަށެވެ.

މިހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މައިބަދައިގެ ދެ އޮޕަރޭޝަން ކުރުމުގެކުރިން، މިމަހުގެ 9ވަނަ ދުވަހު އެ ހޮސްޕިޓަލުންވަނީ އުކުޅުވަޅު ހުޅުގެ އޮޕަރޭޝަނެއްވެސް ކާމިޔާބުކަމާއެކު ކޮށްފައެވެ.