ޚަބަރު

"ފިލާ" ވެބްސައިޓް – ޓެލެކިލާހުގެ ހުރިހާ ފިލާވަޅުތައް އެއްތަނަކުން


ޓެެލެކިލާހުގެ ހުރިހާ ފިލާވަޅުތައް އެއްތަނަކުން ފެންނާނެގޮތް ހަމަޖެއްސުމަށް "ފިލާ"ގެ ނަމުގައި ވެބްސައިޓެއް ހަދައި ބޭނުންކުރަން ފަށައިފިއެވެ.

ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮންނަތާ މަހަކަށްވުރެ ގިނަދުވަސްވަނީ ވެފައެވެ. ޙާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލައި ސަރުކާރުންދަނީ ސްކޫލްތައް ބަންދުކުރާ މުއްދަތުވެސް އިތުރުކުރަމުންނެވެ. ނަމަވެސް ސްކޫލު ބަންދު މުއްދަތުގައި ކުދިންގެ ފިލާވަޅު ގެއްލުނަނުދިނުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ މީޑިއާ މެދުވެރިކޮށް ފިލާވަޅުތައް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް "ޓެލެކިލާސް"ގެ ނަމުގައި ކްލާސްތަކެއް ފަށާފައެވެ. ކީ ސްޓޭޖްތަކާއި ގްރޭޑްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ކްލާސްތަކުގައި މިހާރުވަނީ ގްރޭޑް 7 އިން މަތީ ގްރޭޑް ތަކާއި ކީ ސްޓޭޖް 1 ގައި ހިމެނޭ ގްރޭޑް 1،2،3 ގެ ކްލާސްތައް ޓީވީ މެދުވެރިކޮށް ދައްކަން ފަށާފައެވެ. މި ކްލާސްތައް ގެނެސްދެނީ 30 މިނެޓުގެ ކްލާސްތަކެއްގެ ގޮތުގައި، ވަކިި ސަބްޖެކްޓްތަކަށް ޚާއްސަކޮށްގެންނެވެ.

އަދި އެކި ގްރޭޑްތަކުގެ ކްލާސްތައް ގެނެސްދެނީ އެކި ޗެނަލްތަކުންނެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ އެއް ޕްލެޓްފޯމަކުން ހުރިހާ ކްލާސްތަކާއި ފިލާވަޅުތައް ފެންނާނެ އިންތިޒާމް ހަމަޖައްސާފައެވެ. "ފިލާ" ވެބްސައިޓަކީ ޓެލި ކިލާހުގައި ގެނެސްދޭ ވީޑިއޯ ކްލާހާއި، ފިލާވަޅުތައް ކޮންމެ ގަޑިއަކުވެސް ބެލޭނެހެން ހަދާފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓް ހަދާފައިވަނީ ޓެލިކިލާސްތަކުގެ އިތުރަށް ހުރިހާ ގްރޭޑްތަކުގެ ފިލާވަޅުތަކުގެ މަޢުލޫމާތު ޝީޓުތަކާއި، ޕްރެޒެންޓޭޝަނާއި، އަދި ވީޑިއޯއިން ފިލާވަޅު ދޭހަކޮށްދޭ ކްލިޕްތައްވެސް ފެންނާނެގޮތަށެވެ. މި ވެބްސައިޓްގައި މިހާތަނަށްވަނީ ގްރޭޑް 7އިން ފެށިގެން މަތީ ގްރޭޑްގެ ޓެލިކްލާސްތައް އަޕްލޯޑްކޮށްފައެވެ. އަދި އެގްރޭޑްތަކުގެ ކުދިން ކިޔުން މުހިންމު ލިޔުންތައްވެސް ވަނީ ހިމަނާފައެވެ. އަދި އިތުރު ގްރޭޑްތަކުގެ ފިލާވަޅުތައް ނަގަމުންދާވަރަކަށް އަޕްލޯޑް ކުރަމުން ގެންދާނެއެވެ.

މި ވެބްސައިޓަކީ ކޮންމެ މީހަކަށްވެސް ބޭނުންކުރަން ފަސޭހަވާނެހެން ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. އެގޮތުން ވެބްސައިޓް ހަދާފައިވަނީ ވަކި ވަކި ގްރޭޑްތަކާއި، ވަކި މާއްދާތަކާއި، ވަކިވަކި ސްކޫލްތަކުގެ މެޓީރިއަލްތައްވެސް އަޕްލޯޑްކޮށް ކުދިންނަށް ފޯރުކޮށްދެވޭގޮތަށެވެ. މި މެޓީރިއަލްތައް ކޮންމެ ވަގުތަކުވެސް ބަލާލެވޭނެއެވެ. އަދި ޑައުންލޯޑްކޮށްގެންވެސް ބޭނުންކުރެވޭނެއެވެ. މި ވެބްސައިޓް މެދުވެރިކޮށް ވޯކްޝީޓްތައްވެސް ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ.

"ފިލާ"ވެބްސައިޓަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި "ޖަވާބު ޕްރައިވެޓް ލިމިޓެޑް" ގުޅިގެން ތައްޔާރުުކުރި ވެބްސައިޓެކެވެ.