ޚަބަރު

"ކޮއްކޮމެންގެ ޓެލިކިލާސް"ގެ ފުރަތަމަ ކްލާސް މިއަދު


ފައުންޑޭޝަން ލެވެލްގެ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ "ކޮއްކޮމެންގެ ޓެލިކިލާސް"ގެ ފުރަތަމަ ކްލާސް މިއަދު އޮންނާނެއެވެ. މިއީ ކީސްޓޭޖަށްވުރެ ދަށް އުމުރުފުރާތަކުގެ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކްލާހެކެވެ.

ކޮއްކޮމެންގެ ޓެލިކިލާސް އޮންނާނީ މިއަދުގެ އިތުރުން 15 އޭޕްރިލް، 16 އޭޕްރިލް، 20 އޭޕްރިލް އަދި 21 އޭޕްރިލްގައެވެ. މި ކްލާސްތައް ދައްކާނީ "ދިވެހި ޗެނަލް" މެދުވެރިކޮށް މިދުވަސްތަކުގެ ހަވީރު 5:30އިން 06:00 އަށެވެ.

ބައިގަޑިއިރުގެ މި ސެޝަންތަކުގައި މި ހަފްތާގައި ދަސްކޮށްދެނީ ވަކިވަކި އަކުރުތަކެވެ. އެގޮތުން މިއަދު އޮންނަ އިނގިރޭސި ކުލާހުގައި ދަސްކޮށްދޭނީ "އެސް" އަކުރެވެ. 15 ވަނަ ދުވަހު ދިވެހި ކުލާހުގައި "ކ" އެވެ. 16ވަނަ ދުވަހު އަރަބި ކުލާހުގައި ކިޔަވައިދޭނީ "އަލިފް" އެވެ. 20 ވަނަ ދުވަހު ހިސާބު ކުލާހުގައި އޮންނާނީ 1-5 އަށް ނަންބަރު ދަސްކޮށްދިނުމެވެ. 21 ވަނަ ދުވަހު ދިވެހި ކްލާހުގައި އޮންނާނީ ތާނަ އަކުރު "އ" ކިޔައިދިނުމެވެ.

ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން މިހާރު ކްލާސްތައް ނަގައިދެނީ ޓީވީ މެދުވެރިކޮށެވެ. ފައުންޑޭޝަން ސްޓޭޖްގެ ކްލާސްތައްދައްކާ "ދިވެހި ޗެނަލް" ލިބޭނީ މީޑިއާނެޓް 121 އާއި ދިރާގު ޓީވީ 1017 އިންނެވެ.

ކޯވިޑް 19 އާ ގުޅިގެން ސްކޫލްތައް ކިޔެވުން މެދުކެނޑިފައިވާ މިދަނޑިވަޅުގައި އެޑިއުކޭޝަން މިނިސްޓްރީއިންދަނީ އެކި ގްރޭޑްތަކަށްވެސް ޓެލިކިލާސް މެދުވެރިކޮށް ކްލާސް ނަގައިދެމުންނެވެ. ޓެލިކިލާހަކީ ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ރާއްވައިގެން ގެނެސްދޭ ޕްރޮގްރާމެކެވެ.