ޚަބަރު

އިންޑިއާގެ ފުރަބަންދު އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އިތުރުކޮށްފި


މިހާރު އިންޑިއާގައި އިއުލާންކޮށްފައިވާ ފުރަ ބަންދު އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމައިފިއެވެ. ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ފުރަބަންދު އިތުރުކުރަން ނިންމީ ކޯވިޑް ފެތުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭތީކަމަށެވެ.

މޯދީ ވަނީ ވީވަރަކުން ޤައުމުގައި ތިބި ފަޤީރުންނަށް އެހީވުމަށް ގޮވާލައްވާފައެވެ. އެގޮތުން ފަގީރުންނަށް ބޭނުންވާ ކާތަކެތި ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށްވެސް މޯދީ ވަނީ ގޮއްވާލައްވާފައެވެ. އަދި މި ދަނޑިވަޅުގައި މީހުން މަސައްކަތުން ވަކި ނުކުރުމަށްވެސް މޯދީ ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޑިާގައި ކޯވިޑް ރައްކާތެރިވުމަށް މަސައްކަތް ކުރާ ޑޮކްޓަރުންނާއި ފުލުހުންނަށް ބައެއް ފަރާތަކުން އަނިޔާ ކުރާ މައްސަލައަށް އިޝާރާތްކުރައްވާ ޑޮކްޓަރުންނާއި ފުލުހުން ކުރަމުން އަންނަނީ މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ އެ ފަރާތްތަކަށް އިހްތިރާމު އަދާކޮށް މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށްވެސް މޯދީވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޑިއާގައި އެންމެ ފުރަތަމަ ކާފިއު އިއުލާންކުރީ މިދިޔަ މާރޗްމަހުގެ 22 ވަނަދުވަހު 48 ގަޑިއިރަށެވެ. އެއަށްފަހު އޭގެ އެއްދުވަސްފަހުން މާރޗްމަހުގެ 24 ވަނަދުވަހު ވަނީ 21 ދުވަހަށް މުޅި ޤައުމު ފުރަބަންދުކުރިކަން އިއުލާންކޮށްފައެވެ.

ދެކުނު އޭޝިޔާގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން އިންޑިއާގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ޤައުމުތައް އެއްކޮށް ފުރަބަންދުކޮށް އާންމު ދަތުރުފަތުރުތައް ހުއްޓާލާފައެވެ. ނަމަވެސް އެނިންމުންތައް ނިންމާފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ބަންދު އިޢުލާނުކުރުމާ ތަންފީޒުކުރުމާ ދޭތެރޭ 24 ގަޑިއިރުގެ މުޚުލަތެއްވެސް ދީފައިނުވެއެވެ. އެހެންކަމުން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުންވަނީ އަނބުރާ އުފަން އަވަށަށް ދިޔުމަށް ގިނަ ޢަދަދުތަކުން ޖަމާވެ ދަތުރުކޮށްފައެވެ. އެހެންކަމުން ގައިދުރުކަން ބެހެއްޓުމަށް އިދާރާތަކުން ދެމުން އައި އިރުޝާދަށް ޢަމަލުކުރެވިފައެއް ނުވެއެވެ.

ބަންދު ތަންފީޒުކުރުމުގެ ކުރިން އަނބުރާ ރަށަށް ދާން ބޭނުންވެފައިތިބި ދުވަހު މުސާރައަށް މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ދަތުރުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިފައެވެ. އެފަދަ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ ބަނޑުހައިހޫނުކަންމަތީ ތިބިތާ މަޑުކުރުމެވެ. ނުވަތަ އެތައް ސަތޭކަ މޭލެއް ފައިމަގުގައި ދަތުރުކުރުމެވެ. ނަތީޖާއެއްގެ ގޮތުން އާންމު ދަތުރުފަތުރުތައް ހުއްޓާލުމާއެކު އަމިއްލަ އަވަށަށް އަނބުރާ ދިޔުމަށް ފައިމަގުގައި ދިގު ރާސްތާތައް ކަޑައްތުކުރަން އެމީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު 2 ބިލިއަން ޑޮލަރު ޤައުމުގެ އެކި ކަންކަމަށް ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އައިސޮލޭޝަން އެނދާއި ވޯޑްތައް އަދި ވެންޓިލޭޓަރުތައް ފަދަ ވަސީލަތްތައް ގަތުމަށް ވަނީ ނިންމާފައެވެ. އިންޑިއާއިން މި އެޅި ފިޔަވަޅަކީ މި ބަލިމަޑުކަން ކުރިމަތިވެ މިކަމުން އަރައިގަތުމުގައި ކާމިޔާބު ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމުތަކުން އެޅި ފިޔަވަޅުތަކަށް ރިޢާޔަތްކޮށް އެޅި ފިޔަވަޅެއްކަން އިންޑިއާގެ ބޮޑު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.