ޚަބަރު

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާކަން އެނގޭނަމަ އަވަހަށް ރިޕޯޓު ކުރޭ - އޭސީސީ


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހުރިތޯ ބަލަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ މިއަދު ނެރުނު ނޫސްބަޔާނުގައެވެ.

ކޯވިޑް-19 އިން، ދިވެހި ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި، އިދާރާތަކާއި ވޮލަންޓިއަރުން ގުޅިގެން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވަނީ ކުރިމަތިވެފައިވާ ކާރިސާގެ މި ޙާލަތުގައި، ކޯވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، އެކި ސަބަބުތަކާހުރެ، ރައްޔިތުންގެ އެކިކަހަލަ ކަންބޮޑުވުންތައް ހުރިކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކުން، ކުރައްވަމުންގެންދަވާ ކަންކަމުގައި، ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން ޢަމަލުކުރައްވަންޖެހޭނެ ގޮތްތަކާމެދު އިރުޝާދުދިނުމަށްޓަކައި، އެކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ދިރާސާ ކުރަމުންގެންދާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ. އަދި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން އެކޮމިޝަނުން އިސްނަގައިގެން އެކަންކަން ބަލަމުންގެންދާކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޢާންމު ޞިއްޙަތާއި ފުރާނަ ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މި ޙައްސާސީ ދަނޑިވަޅުގައިވެސް، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުޞޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މި ކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއްކަން އޭސީސީގެ ބަޔާނުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި މި ޙާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައާއި އަދި ނިންމުންތައް ނިންމުމުގައި އެ އުޞޫލުތަކަށް ތަބާވުމަށާއި، ދައުލަތުން ކުރައްވާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ މަސައްކަތްތަކުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެންކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ކޯވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާމެދު، ފަރުވާތެރިވެ އަދި ފާރަވެރިވެ، ކޮރަޕްޝަނުގެ ޢަމަލުތަކާމެދު ޝައްކުވާ ޙާލަތުގައި ލިބެންހުންނަ އެންމެ ގިނަ ހެއްކާއި ޤަރީނާއާއެކު އެ ކޮމިޝަނަށް ހުށަހަޅުއްވަމުން ގެންދެވުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުން އެ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ، ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް އެއްވެސް ޖެހިލުމެއްނެތި އަދާކުރާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެކޮމިޝަނުން ވަނީ ދެއްވާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކުރާ އެއްވެސް ކަމެއް ނުފޮރުވައި ރައްޔިތުންނަށް އަންގަމުން ގެންދާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި އެއްވެސް ކަމެއްގައި ތުހުމަތު ކުރެވޭ ކަމެއް ފެނިއްޖެނަމަ އެކަން ރައީސުލްޖުހޫރިއްޔާގެ އޮފީހަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށްވެސް ސަރުކާރުން ވަނީ އެދިފައެވެ.