ޚަބަރު

ފަތުރުވެރިންނަށް ހިދުމަތްދޭ 138 ތަަނަކުން މީހުން ފޭބުމުގެ ހުއްދަ ދީފި


ފަތުރުވެރިންނަށް ހިދުމަތްދޭ 138 ތަަނަކުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ.

އެޗްޕީއޭގެ ވެބްސައިޓްގައި ވަނީ ހުއްދަ ދީފައިވާ ރިސޯޓްތަކާއި ސަފާރީގެ ލިސްޓް އާއްމުކޮށްފައެވެ.

އެޗްޕީއޭއިން ދަނީ މީހުން ފޭބުމަށް އެދިފައިވާ 76 ސަފާރީއާއި 107 ރިސޯޓަށް ހުއްދަދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް ހިއްސާކުރަމުންނެވެ. އެގޮތުން ރިސޯޓާއި ސަފާރީ ހިމެނޭހެން 138 ތަނަކުން މީހުން ފޭބުމުގެ ހުއްދަދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 69 ރިސޯޓާއި 69 ސަފާރީއެއްކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އެހެން ރިސޯޓްތަކާއި ސަފާރީތަކުގެ ފޯމްތަކުގެ މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރިސޯޓްތަކާއި ސަފާރީތަކުން ހުށައަޅާފައިވާ ފޯމްތަކުގައި މިހާތަނަށް ހުއްދަ ނުދެވިވާ ތަންތަނުގެ ތެރޭގައި، ތަރީޚުތަކުގައި ފުށުއެރުން ހުރެގެން ހުއްދަނުދީ ހުރި ރިސޯޓްތަކާއި ސަފާރީއާއި، އާ އުސޫލުގެދަށުން ފޯމްހުށައަޅްނެޖެހޭ ރިސޯޓްތަކާއި، އަދި އެންމެ ފަހު ފަތުރުވެރިޔާ ފޭބުމާއި ގުޅޭ ލިޔެކިޔުންތައް ނެތުމާއި، ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ހުއްދަ ނުދީ ހުރި ރިސޯޓްތަކާއި ސަފާރީތައް ހިމެނެއެވެ.

އެޗްޕީއޭގެ އައު އުސޫލުގައިވާގޮތުން ރިސޯޓް ނުވަތަ ސަފާރީއަށް އަންނަ އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ފުރިހަމަވުމާއެކު އެ މުއްދަތުގައި އެއްވެސް މީހެއްގެ ކިބައިން ކޯވިޑް-19 ގެ އަލާމާތެއް ނުފެންނަނަމަ ރިސޯޓްތަކުން މީހުން ފޭބުމުގެ ހުއްދަ ދޭނެއެވެ. އަދި މީހުން ފޭބުމުގެ ކުރިން އެކަމުގެ އިޤުރާރު ފޯމް ރިސޯޓުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ހުށައަޅަންޖެހެއެވެ. ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންއަށް ލީ ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި މިހަކު ފެނިފައިނުވާނަމަ އެ ރިސޯޓަކުން މީހުން ބޭފުމުގެ ކުރިން ރިސޯޓުން ފޯމް ހުށައަޅަން ޖެހޭގޮތަށްވެސް އެއުސޫލުގައި ވަނީ ހަމަޖައްސާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑް 19ގެ ކޭސް ފެނުނު ކުރެއްދޫ ރިސޯޓްއިން މީހުން ފޭބުމުގެ ހުއްދަ ދިނުމުގެ ކުރިން، ރިސޯޓްގެ ހުރިހާ މުޢައްޒަފުން ޓެސްޓް ކުރުމަށް ނިންމާފައެވެ. އެރިސޯޓުން މީހުން ފޭބުމުގެ ހުއްދަ ދޭނީ ޓެސްޓް ހެދުމަށްފަހު ކޯވިޑްގެ އެއްވެސް ކޭސްއެއް ނެތްކަން ކަށަވަރުކުރުމަށްފަހުއެވެ.

ކޯވިޑް 19އާ ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރިސޯޓުތަކުން ފޭބުން ހުއްޓުވުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން މީހުން ދިރިއުޅޭ ރަށްތަކާއި ދެމެދު ދަތުރުކުރުންވެސްވަނީ މުޅިން މެދުކަނޑާލުމަށް އަންގާފައެވެ.

ރާއްޖެއިން ކޯވިޑް 19ގެ ކޭސް ފެނުނީ ރިސޯޓަކުންނެވެ. އަދި ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް 19 ޖެހުނު 13 މީހުންނަކީވެސް ރިސޯޓްތަކުން އައި ކޭސްތަކެވެ. މިހާތަނަށް ރާއްޖޭގައި 20 މީހުންނަށް ވަނީ ކޯވިޑް 19 ޖެހިފައެވެ. އަދި 14މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.