ޚަބަރު

ކޯވިޑް-19 : ނަފްސާނީ ދުޅަހެޔޮކަމަށް މި ފަސް ކަންތައް ކުރޭ!


ކޯވިޑް-19 ބަލިމަޑުކަމުގެ ނުރައްކާ އިތުރުވެ ގެއިން ނިކުމެ އުޅުންވެސް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އާންމުން ސަމާލުވުމަށް ދަނީ ގިނަ އިރުޝާދުތަކެއް ދެމުންނެވެ. އެގޮތުން އިޖުތިމާޢީ ގައި ދުރުމިން ހިފެހެއްޓުމާއި، އާންމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ގޮވާލާ ގޮވާލުމަކީ މިހާރު އައު ވާހަކައެއް ނޫނެވެ.

ކޯވިޑް 19 ގެ ސަބަބުން ގޭގައި ތިބެން ޖެހިފަ މިވާ ދުވަސްވަރު، އިންސާނާއަށް ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެކަމީ ދޮގުކުރެވޭނެކަމެއް ނޫނެވެ. މި ސަބަބައްޓަކައި ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީ ހުރުމަށް ކުރެވިދާނެ ކަންކަމަށް ބަލާލަން ޖެހެއެވެ.

ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީ ހުރުމަށް ކުރެވޭނެ ކަންކަން ހާމަކޮށް ޤައުމީ ޔުނިވަރސިޓީން ޝާއިޢުކޮށްފައިވާ ލިޔުމެއްގައި މިކަމުގައި އާންމު ސަމާލުވާންވީ ކަންކަން ތަފްސީލީ ގޮތެއްގައި ވަނީ ކިޔާދީފައެވެ. މި އިރުޝާދުތަކަކީ ނަފްސާނީ ބަލިތަކަށް ފަރުވާކުރުމުގައި އުޅުއްވާ ޑޮކްޓަރުންނާއި ސައިކޮލޮޖިސްޓުންނާއި ކައުންސިލަރުންގެ ޓީމެއްގެ އިރުޝާދު ދަށުން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. އެ

މި އިރުޝާދުގައި ހިމަނާފައިވާ ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

(1) ދުވަހުގެ ރޫޓީން އެއް ތައްޔާރުކުރުން

މިފަދަ ހާލަތުގައި މަސައްކަތް ކުރަންވީ ތިމާގެ ޚިޔާލު ތަކާ ތިމާގެ ހިތްނުތަނަވަސްކަމާއި ކަންބޮޑުވުންތަކުން ދުރުވެވޭނެ ގޮތެއް އިޚްތިޔާރުކުރުމަށެވެ. މިގޮތުން އެންމެ މުޙިއްމު އެއްކަމަކީ ކޮންމެ ދުވަހަކުވެސް ރޫޓީން އެއް އޮތުމެވެ.

މި ރޫޓީންގެ ދަށުން ކޮންމެ ރެއަކު ނިދާ ގަޑި އަދި ހެދުނު ނިދިން ހޭލާ ގަޑިއަކީ އަޅުގަޑުމެންގެ އިޚްތިޔާރުން ކަނޑައެޅި ދާނެ ވަގުތު ތަކެކެވެ. އެހެންކަމުން ރޭގަޑުގެ ނިދުމާ، ހެދުނު ހޭލުމަށް ވަކި ގަޑި އެއް ކަނޑައަޅާށެވެ. ހެދުނު ހޭލައިގެން ދާނެ ތަނެއް ނެތްކަމުގައިވިޔަސް، ވަކި ގަޑިއަކަށް ހޭލުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމަ މި ރޫޓީންގެ ތެރެއަށް ކެއުމުގެ ވަގުތުތަށްވެސް ހިމަނާލުން މުހިންމްވެ. ހިތު ހުރިހައި ވަގުތެއްގައި ކެއުމުގެ ބަދަލުގައި، ހެދުނުގެ ނާސްތާ، މެންދުރުގެ ކެއުން، ހަވީރު ސައި އަދި ރޭގަޑުގެ ކެއުން ވަކި ގަޑި ތަކަކަށް ބަހާލާށެވެ. އަދި މި ރޫޓީންގެ ތެރޭގައި ފަރުޟު 5 ނަމާދާއި އަޅުކަމަށް ދޭ ވަގުތު ހިމަނާލާ ރޫޓީން ފުރިހަމަކޮއްލުން މުހިންމެވެ.

(2) އަމިއްލަ ނަފްސަށް އަޅާލުން އިތުރުކުރުން

އަމިއްލަ ނަފްސަށް އަޅާލުން “ސެލްފް ކެއަރ” ހިމަނާލުމަކީވެސް މިފަދަ ނާޒުކު ވަގުތެއްގައި ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައިކޮންމެހެން ކުރަންޖެހޭކަމެކެވެ. މިގޮތުން “ސެލްފް ކެއަރ” ގެ ގޮތުގައި އެކިމީހުން ކުރަން ބޭނުން ވާނީ އެކި ކަހަލަ ކަންކަމެވެ. ޓީވީ ބެލުން، ފޮތް ކިޔުން، ކުރެހުން، ކުލަޖެއްސުން، ގަސް އިންދުން ފަދަ ކަންކަމަކީ ވަރަށް ގިނަމީހުންނަށް ކުރަންފަސޭހަ، އަދި މާބޮޑު ތަކުލީފަކާ ނުލާ ކުރެވޭނެ ކަންކަމެވެ. އަދި މިނޫނަސް ތިމާއަށް ކުރެވިދާނެ އެފަދަ އެތަކަމެއް ހުންނާނެއެވެ.

(3) އައު ކަމެއް ދަސްކުރުން

ކަމެއް ހާސިލު ވިކަމަށް ޤަބޫލުކުރެވެނީ ފެންނަން ހުރި ނުވަތަ މެޝަރ ކުރެވޭ ކަހަލަ ކަމެއް ކުރެވުނީމައެވެ. އެހެންކަމުން ކޮންމެވެސް އައު އެއްޗެއް ދަސް ކުރުމަކީ، ކަމެއް ޙާޞިލުވި ކަމުގެ އިޙުސާސް ތިމާއަށް ވަރަށް ބޮޑަށްކުރުވާ ކަމެކެވެ. މިގޮތުން އާ ބަހެއް ދަސް ކުރުން ނުވަތަ އާ ރެސިޕީއަކަށް ކެއްކި ދާނެއެވެ. އަދި ޤުރުއާން ހިތު ދަސްކުރުމާއި ތަޖުވީދަށް ކިޔަވަން ދަސްކުރުމުގައި މަސްޣޫލުވެވި ދާނެއެވެ.

މިކަމުގައިވެސް ވަކި މިނެއް އެބަ ހިފަހައްޓަން އެބަޖެހެއެވެ. މިސާލަކަށް ވަކި ބަަހެއް ދަސްކުރާއިރު، ބޭނުންނަމަ ދަސްކުރާ ލަފުޒުގެ އަދަދު އިތުރުކޮށް މަދުކުރެވި ދާނެއެވެ. ނަމަވެސް މާބޮޑަށް މަދުކޮށް އިތުރު ނުކުރުމަށް ސަމާލުވާންޖެހއެވެ. އެހެނީ މިގޮތައް ކަންތައް ނުކުރުމުން ކަމުގެ މަގުސަދު ގެއްލި ދާނެތީއެވެ. އަދި ދުވާލަކަށް 5 ލަފުޒު ދަސްކުރުމުން، އެ ދުވަހުގެ މަގްސަދެއް ހާސިލުވީއެވެ. މީގެ އިތުރުންވެސް މިފަދަ އެހެން ކަންކަންވެސް ހުންނާނެއެވެ.

(4) ގޭގައި ގްރޫޕް ހަރަކާތްތައް ބޭއްވުން

މި ފަދަ ޙާލަތެއްގައި ތިމާއާއި އެކު ގޭގައި ދިރިއުޅޭ އެހެން މީހުންވެސް ބައިވެރިކޮށްގެންތަފާތުކަންކަން ކުރެވިދާނެއެވެ. މީގެ ތެރޭގައި ދުޅަހެޔޮ މުބާރާތްތަށް ބޭއްވިދާނެއެވެ. މިސާލަކަށް ކުރެހުމުގެ މުބާރާތް، ކެއްކުމުގެ މުބާރާތް ފަދަ ކަންތައްތައް ރާވައިގެން ކުރެވިދާނެއެވެ. އޭރުން ތިމާ އާއި އެކުގައި ދިރިއުޅޭ މީހުންވެސް ފޫހި ފިލާނެއެވެ. ތިމާ އެކަނި ގޭގައި ހުރިކަމުގައި ވަނީނަމަ، ކުރެހުންފަދަ މުބާރާތް ޑިޖިޓަލްކޮށްވެސް ބޭއްވިދާނެއެވެ. އެގޮތުން ރަޙްމަތްތެރީން ނުވަތަ އާއިލާގެ ވައިބަރ ގްރޫޕްތަކަށް ކުރެހުންތައް ލެވިދާނެއެވެ. އަދި އެކިއެކި ވަނަތައްވެސް ހޮވިދާނެއެވެ. ނަމަވެސް މިފަދަ މުބާރާތްތަކަކީ ހަމައެކަނި ފޫހިފިލުވުމުގެ ގޮތުން ބާއްވާ މުބާރާތަކަށް ހައްދަވަންވާނެއެވެ.

(5) ކަސްރަތުކުރުން

ކަސްރަތުކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެކެވެ. ކަސްރަތަކީ، އިންސާނާގެ ސިނކުޑީގައި އުފާވެރި ކަމުގެ އިޙުސާސްކޮށްދޭ މާއްދާ ނިއުރޮ ޓްރާންސްމިޓަރ އެއްކަމުގައިވާ ޑޯޕަމައިން އުފައްދާދޭ ކަމެކެވެ. ކަސްރަތުކުރުމުން ހިތްހަމަޖެހުން ލިބިގެން ދަނީ މިސަބަބާހެދިއެވެ. އަދި މީހާގެ މޫޑުވެސް ހަމަޔަކަށް އަޅުވައި ދެނީ އެހެންވެގެންނެވެ. ހަށިގަޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރުން ކަސްރަތު ކުރަންޖެހޭ އަނެއްސަބަބަކީ މިބުނާ ހިތްހަމަޖެހުން ހޯދުމަށެވެ. މިގޮތުން މަދުވެގެން ހަފްތާއަކު 3 ފަހަރު، ކޮންމެ ފަހަރަކުވެސް 20 މިނެޓްއިރު ކަސްރަތު ކުރުމުގައި ހޭދަކުރާށެވެ. ވަގުތު އިތުރުކުރެވޭ ބޭފުޅުން 20 މިނެޓްއަށް ވުރެއް ގިނަވަގުތު ކަސްރަތުކުރުމުގައި ހޭދަ ކުރާށެވެ. ނަމަވެސް 20 މިނެޓްއަށް ވުރެއް މަދު ނުކުރާށެވެ.

މީގެ އިތުރުން ޔޫ ޓިއުބް ފަދަ ސައިޓްތަކުގައި ހުންނަ ވޯރކް އައުޓް ތައް ހެދިދާނެއެވެ. ތިމާގެ ގޭގައި ޖާގަ ހުރި މިންވަރަކުން ކުރެވޭނެ ކަސްރަތުތައް، ޔޫ ޓިއުބް ފަދަ ސައިޓް ތަކުން ލިބޭނެއެވެ. މިގޮތުން ބްރީތިންގް އެކްސަސައިޒް އަދި މެޑިޓޭޝަންވެސް ހެދިދާނެއެވެ.

މިދަންނަވާލެވުނީ މި ފަދަ ނާޒުކު ހާލަތެއްގައި ކުރެވޭނެ މަދުކަންތައްތަކުގެ ވާހަކައެވެ. މިފަދަ ނާޒުކު ހާލަތްތަކުގައިމަގުސަދަކަށް ވާންވާނީ ކުރެވެންހުރި ކަންތައްތައް ހޯދައިގެން އެކަންތައްކުރުމަށް އިސްކަން ދޭންޖެހެއެވެ. މިގޮތުން ކަމެއް ނުކުރެވޭނެ ނުވަތަ ނުވާނެކަމަށް ވިސްނުމަށްވުރެށް ތިމާއަށް ކުރެވެން އޮތީ ކޮންކަންތައްތަކެއްތޯ ބަލާ އެ ކަންތައްތައް ކުރާނީ ކިހިނެއްތޯ އޮޅުންފިލުވައި އެކަންތައްތައް ކުރުމަށް އިސްކަންދޭށެވެ. މިއީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައަ ކުރަންޖެހޭ ކަންކަމެވެ. ވީމާ، މިކަމައިގެން އުޅެމާ ހިނގާހެއްޔެއެވެ.