ޚަބަރު

ކޯވިޑް-19 : ޤައުމަށް އެނބުރި އަންނަ މީހުންގެ ސަބަބުން ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު: ވޯލްޑް ބޭންކް


ޤައުމުން ބޭރުގައި މަސައްކަތްކުރާ މީހުން އެނބުރި ރަށަށް އައުމުގެ ސަބަބުން ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ވޯލްްޑު ބޭންކުން ބުނެފިއެވެ.

ވޯލްޑު ބޭންކުން ބުނީ ބަލިމަޑުކަމުގެ އަސަރު ކުރިން ކޮށްފައިނުވާ ސަރަޙައްދުތަކަށް ރަށުން ބޭރުގައި މަސައްކަތް ކުރުމަށްފަހު އެނބުރި އަންނަ މީހުންގެ ފަރާތުން ކޯވިޑް ބަލި ފެތުރުމުގެ ބިރު އެބަ އޮތްކަމަށެވެ. މިހާރު ހަދަމުންދާ ދިރާސާއެއްގެ ފުރަތަަމަ ނަތީޖާތައް ދައްކާގޮތުގައި އިންޑިޔާގައި އެގޮތަށް މީހުން އަނބުރާ އަންނަ ބައެއް ސަރަޙައްދުތަކުއި މިހާރުވެސް ކޯވިޑް-19 ފެތުރިފައިވުން އެކަށީގެންވާކަމަށް އެބޭންކުން ބުނެއެވެ.

އަހަރަކު ދެ ފަހަރު ވޯލްޑް ބޭންކުން ނެރޭ ސަރަޙައްދީ ރިޕޯޓުގައި ބުނީ ދެކުނު އޭޝިޔާގެ ޤައުމުތަކަކީ އެންމެ ބައިބޯ އަދި ތޮށްޖެހިފައިވާ ސަރަޙައްދުތައްކަމަށެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކަކީ އެއް ގެއެއްގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ޤައުމުތަކެއްކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ތޮށްޖެހުމުގެ މައްސަލައަކީ ޙާއްޞަކޮށް އިޤްތިޞާދީ ސަރަޙައްދުތަކުގައި ބޮޑު މައްސަލައެއްކަމުން ދެކުނު އޭޝިޔާގެ ޤައުމުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް އެބޭންކުން ފާހަގަކުރިއެވެ. އަދި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ގެދޮރު ނެތް މީހުންނަށާއި އެޤައުމުތަކަށް ހިޖުރަކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންނަށްކަމަށް އެބޭންކުން ބުނެއެވެ.

ދެކުނު އޭޝިޔާގެ ބޮޑެތި ޤައުމުތަކުގެ ތެރެއިން އިންޑިޔާއާއި ޕާކިސްތާނާއި ބަންގްލަދޭޝުންވަނީ ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ޤައުމުތައް އެއްކޮށް ފުރަބަންދުކޮށް އާންމު ދަތުރުފަތުރުތައް ހުއްޓާލާފައެވެ. ނަމަވެސް އެނިންމުންތައް ނިންމާފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. ބަންދު އިޢުލާނުކުރުމާ ތަންފީޒުކުރުމާ ދޭތެރޭ 24 ގަޑިއިރުގެ މުޚުލަތެއްވެސް ދީފައިނުވެއެވެ. އެހެންކަމުން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުންވަނީ އަނބުރާ އުފަން އަވަށަށް ދިޔުމަށް ގިނަ ޢަދަދުތަކުން ޖަމާވެ ދަތުރުކޮށްފައެވެ. އެހެންކަމުން ގައިދުރުކަން ބެހެއްޓުމަށް އިދާރާތަކުން ދެމުން އައި އިރުޝާދަށް ޢަމަލުކުރެވިފައެއް ނުވެއެވެ.

ބަންދު ތަންފީޒުކުރުމުގެ ކުރިން އަނބުރާ ރަށަށް ދާން ބޭނުންވެފައިތިބި ދުވަހު މުސާރައަށް މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ދަތުރުކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިފައެވެ. އެފަދަ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ ބަނޑުހައިހޫނުކަންމަތީ ތިބިތާ މަޑުކުރުމެވެ. ނުވަތަ އެތައް ސަތޭކަ މޭލެއް ފައިމަގުގައި ދަތުރުކުރުމެވެ. ނަތީޖާއެއްގެ ގޮތުން އާންމު ދަތުރުފަތުރުތައް ހުއްޓާލުމާއެކު އަމިއްލަ އަވަށަށް އަނބުރާ ދިޔުމަށް ފައިމަގުގައި ދިގު ރާސްތާތައް ކަޑައްތުކުރަން އެމީހުންނަށް ވަނީ މަޖުބޫރުވެފައެވެ.

އެގޮތަށް ދަތުރުކުރުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާ، ދަތުރުމަތީގައި މަރުވުމުގެ ފުރުޞަތުވެސް ވަރަށް ބޮޑެވެ.
ވޯލްޑް ބޭންކުންވަނީ ގިނަ ޢަދަދެއްގެ މީހުން އަނބުރާ ދަމުންދާ ސަރަޙައްދުތައް ފާހަގަކޮށް އެސަރަޙައްދުތަކުގައި ބަލިމަޑުކަން ފެތުރިދާނެކަމަށް ދުރާލާ ތައްޔާރުވުމަށް ގޮވާލާފައެވެ. އަދި ދިގު ރާސްތާތައް ކަޑައްތުކޮށް ފައިމަގުގައި ދަތުރުކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެބޭންކުންވަނީ ގޮވާލާފައެވެ.