ޚަބަރު

ކޯވިޑް-19 : ކުރެއްދޫގައި ތިބި އެންމެން ކޯވިޑް-19އަށް ޓެސްޓްކުރަން ނިންމައިފި


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެ ފުރަތަމަ މީހާ ފެނުނު ކުރެއްދޫ ރިސޯޓުގެ ހުރިހާ މުވައްޒަފުން ކޯވިޑް-19އަށް ޓެސްޓްކުރަން ނިންމައިފިއެވެ.

ކުރެއްދޫ ރިސޯޓަކީ ރާއްޖެއިން ކޯވިޑް-19ގެ އެންމެ ފުރަތަމަ ކޭސް ފެނުނު ރިސޯޓެވެ. އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިއަކު މި ބައްޔަށް ޕޮޒިޓިވްވެފައިވުމުން ކުރެއްދޫއިން އޭނާއާއި ކޮންޓެކްޓްވި މީހުންގެ ތެސްޓް ހެދުމުން ވަނީ އެ ރިސޯޓްގެ ޑޮކްޓަރު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ފަހުންވެސް ހަތަރުމީހަކު ބައްޔަށް ޕޮޒިޓިވްވެ އެ ރިސޯޓުން ޖުމްލަ ފަސް މީހަކު މިހާތަނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. ނަމަވެސް އެ އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ ރިސޯޓުން ކޭސްއެއް ފެނި 28 ދުވަސް ފާއިތުވެގެން ދިޔަނަމަވެސް އެ ރިސޯޓް އަދިވެސް މޮނިޓަރިންގެ ހާލަތުން ދޫނުކޮށްލުމުގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރެއްދޫ ރިސޯޓްގައި ތިބި މީހުންނާމެދު ޢަމަލުކުރާނެ ގޮތެއް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރިސޯޓްގައި މިވަގުތު ތިބި އެންމެން ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކުރެއްދުއަކީ އިމްޕޯޓްވި ކޭސްއަކުން ލޯކަލް ޓްރާސްމިޝަން ހިނގާފައިވާ ރަށަކަށް ވާތީ، ޓެގްގެ ނިންމުމަކީ ކުރެއްދޫގައި މިހާރު ތިބި އެންމެން ކޯވިޑަށް ޓެސްޓުކޮށްފައި ދޫކޮށްލާގޮތަށް. އެއީ ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް" މަބްރޫކް ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު ޤައުމަށް އެނބުރި ދިއުމަށްފަހު ކޯވިޑް-19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ފުރުވާލި މައްސަލާގައިއެއްވެސް ބައެއްގެ އިހުމާލެއް އޮތްތޯ ކަމާބެހޭ ފަރާތްތަކުން ދަނީ ތަޙްޤީޤްކުރަމުންނެވެ. އެގޮތުން ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެމެ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދިނުމުގެ ތުހުމަތުގައި އެ ރިސޯޓްގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

އިޓަލީގެ ފަތުރުވެރިޔާ ރާއްޖޭގައި ހުރިއިރުވެސް ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން 3 ފަހަރެއްގެ މަތިން ވަނީ ކުރެއްދޫގެ ޑޮކްޓަރުގެ އެހީތެރިކަން ހޯދާފައެވެ. އެހެންނަމަވެސް ޑޮކްޓަރު އޭނާގެ މައުލޫމާތު އެޗްޕީއޭއާ ޙިއްސާކޮށްފައިނުވާކަމަށް މިމައްސަލަ ބަލަމުންދާ ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޑޮކްޓަރު އޮޅުންފިލުވާފައިވަނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއާއި، ޚާއްސަ އުސޫލަކުން ބަލަންޖެހޭ ޤައުމުތަކުގެ ލިސްޓަށް ބަދަލެއް އައިސްފައިވޭތޯކަމަށެވެ.

ފުލުހުން ވިދާޅުވެފައިވާގޮތުގައި މިފަތުރުވެރިޔާވަނީ ފެބްރުއަރީ މަހުގެ 28އާއި 29ގައިވެސް ރިސޯޓްގެ ޑޮކްޓަރު ބަލާފައެވެ. އެދެދުވަހު އޭނާގެ ހާލު ރަނގަޅުކަަމަށް ޑޮކްޓަރު ބެލިބެލުމުން އެގިފައިވެއެވެ. އޭނާ ރާއްޖެއިން ފުރުމަށް އެއާރޕޯޓަށް ގޮސްފައިވަނީ އާރޗް މަހުގެ 1ވަނަ ދުވަހުއެވެ. އެދުވަހުވެސް އޭނާ އެއަރޕޯޓުގެ ތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން އެއާޕޯޓުން އޭނާގެ ހާލަތުބެލުމަށްފަހު އެދުވަހު އޭނާ ފުރަން ފުލައިޓަށް އަރުވުމަށް ފްލައިޓްގެ ކެޕްޓަންވަނީ ދެކޮޅުހަދާފައެވެ.

އޭނާއަށް ފުރޭނެ ގޮތް ނުވުމުން މާލެ އައިސް މާގިރި ހޮޓެލްގައި ހުރުމަށްފަހު ޖެހިގެން އައި ދުވަހު އޭނާވަނީ ފުރައިގެން ގޮސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ކޯވިޑް-19 ޖެހިފައިވާކަން ރާއްޖެއަށް އަންގާފައިވަނީ އަމިއްލައަށް ގުޅާފައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ފަތުރުވެރިޔާ ފުރައިގެން ދިޔަފަހުންވެސް އޭނާހުރި ރިސޯޓުންވަނީ އޭނާއަށް ގުޅައި މައުލޫމާތު ހޯދާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.