ޚަބަރު

ކޯވިޑް-19 : ރާއްޖެ ވަށައިގެން ތޫފާނެއް، ނުރައްކާ ކުޑަކަމަށް ދެކުމަކީ ގޯހެއް - މަބްރޫކް


ކޯވިޑް-19ގެ ނުރައްކާ ރާއްޖެ ވަށައިގެން ޠޫފާނެއްހެން އެނބުރެމުންދާކަމަށާ، މިއީ ނުރައްކާ ކުޑަކަމަށް ދެކިގެންވާނެ ވަގުތެއް ނޫންކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެއެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި އިއުލާންކުރި ކާފިއުގެ މުއްދަތު އުވާލާފައިވަނީ ކޯވިޑް-19 ގެ ނުރައްކާރާއްޖެއަށް ކުޑަވެގެން ނޫންކަމަށެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު ޢަޒީޒް ވިދާޅުވީ ކޯވިޑް19ގެ ނުރައްކާ ރާއްޖެއަށް އެއްވެސް މިންވަރަކަށް ކުޑަނޫންކަމަށާ، އެބަލީގެ ނުރައްކާ ރާއްޖޭގެ ވަށައިގެން ނުރައްކާތެރި ޠޫފާނެއްހެން އެނބުރެމުންދާކަމަށެވެ. ކޮންމެ ދުވަހަކު 3 ގަޑިއިރަށް އުޅަނދުފަހަރު ދުއްވުން މަނާކޮށް ޢާންމުން މަގުމަތީގައި ނޫޅުމަށް އަންގައި ޢިއުލާންކުރުމާއެކު ދެންފެނުނީ މަނާ ވަގުތު ނިމުމާއެކު ކުރިއަށްވުރެ މާގިނަބަޔަކު މަގުމަތީގައި ތޮއްޖެހޭކަން ކަމުގައި މަބްރޫކް ފާހަގަކުރެއްވިއެވެ.

އަދި އެގޮތައް އޮތުމުން ފިހާރަތަކަށް އެއްފަހަރާ ދިއުންފަދަ ކަންކަން ފާހަގަކުރެވުމުން ތޮއްޖެހުން އިތުރުވާތީ އެކަން ހުއްޓުވުމަކީ ކާފިއުގަޑިއެއް ނުބާއްވަން ނިންމަން ޖެހުނު އެއްސަބަބުކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިބަލިން އަރައިގަނެވިއްޖެކަމަށް އަޅުގަނޑުމެންނަށް މިހާރު ނިންމިއްޖެއާ އެއަށްވުރެ ގޯސްކަމެއް އަޅުގަނޑުމެންނަށް ނުކުރެވޭނެ. މިކަމުގައި އަމަލުކުރަމުންދާގޮތް ޤައުމެއްގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި ބަދަލުނުކުން، އަދި ވީހާވެސް ބޮޑަށް މިކަމުން ސަމާލުވެ ކުރިއަށްއޮތް ދުވަސްދުވަހުގައިި މަސައްކަތްކުރުން މުހިއްމު. މާހިރުން ވިދާޅުވަނީ މިބަލި އަދި އެތައް މަހަކަށް އުޅޭނެކަމަށް. އަޅުގަނޑުމެން އާދަވާން އެބަޖެހޭ އާގޮތަކަށް ދިރިއުޅެ، އާކަންކަމަށް ސަމާލުވާން." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ކޮންޓެކްޓް ޓްރޭސްކޮށް އަލާމާތްތައް ފެނުނަސް ޕޮޒިޓިވް ނުވާމީހުންނާއި، ރިސޯޓުތަކުގައި މުއްދަތު ހޭދަކުރުމަށްފަހު ޢާންމުންގެ ތެރެއަށްދާ މީހުންނާމެދު މުޖުތަމަޢުގައި މިހާރު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބައިވޭ ހިތާމަވެރި ވާހަކަތައް، ރަށްރަށަށް އެމީހުން ނާރުވާ، އެއީ ބަލިބައެއްކަމަށް ބަލައިގެން ދިމާވާން ބޭނުންނުވާ ދަށުދަރަޖައިގެ ބައެއްގެގޮތުގައި އެމީހުންނާދޭތެރޭ ކަންތައްކުރާކަހަލަ ވާހަކަތައް. މިކަހަލަ ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް އެނގޭނީ އަޅުގަނޑުމެންގެ އަސްލު ގޮތާއި، މުޖުތަމައެއްގެ ގޮތުގައި އަސްލު ސިފަ" މބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20އަށް އަރާފައެވެ. މިހާތަނަށް މިބަލިން 14 މީހަކުވަނީ ރާއްޖޭގައި ރަނގަޅުވެފައެވެ.