ވިޔަފާރި

މޮނޮޕޮލީއެއް ނޫން "މާލްދިޕޮލީ"


ކޯވިޑް-19 އާއެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް މިވަނީ އެތަކެއް ބޮޑެތި ބަދަލުތަކެއް މިވަގުތު ގެންނަން ޖެހިފައެވެ. އެންމެ މުހިންމު ކަމަކީ ގޭގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމެވެ. ޞިއްޙީގޮތުން ސަލާމަތްތެރިކަން ކަށަވަރުކުރުމަށްތަކައި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް ޞިއްޙީ މާހިރުން ތަކުރާރުކޮށް އިރުޝާދު ދެއްވައެވެ.

ގިނަ އޮފީސްތަކާއި ޢާއްމުޚިދުމަތްދޭ ތަންތަނާއި، މިސްކިތްތަކާއި ސައިހޮޓާ ރެސްޓޯރެންޓުތައް ބަންދުކޮށްފައި އޮތުމާއެކު ގޭގައި ތިބެންޖެހޭ ވަގުތު އެތައްގުނައެއް އިތުރެވެ. މިހެން ގޭގައިތިބެ ފޫހިފިލުވަން ގިނަބަޔަކު ތަފާތު އެކި ގޭމްތަކަށާއި ކުޅިވަރުތައް ކުޅެއެވެ.

މިފަދަ ގޭމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގޭމަކީ ނަވާރަސަތޭކައިގެ ކުރީކޮޅު ވުޖޫދަށްއައި މޮނޮޕޮލީއެވެ. ދިވެހިންގެ މެދުގައިވެސް މިއީ ވަރަށް މަޤްބޫލު ގޭމެކެވެ. މިއީ ބޭރުގެ އެއްޗެކެވެ. ފައިސާގެ މުޢާމަލާތުގެ މައްޗަށް އެކުލެވޭ މި ގޭމުގެ ޝައުޤުވެރިކަން ދިވެހިންގެ މެދުގައި ބޮޑަސް މީގައި ދިވެހިވަންތަކަމެއް ނެތެވެ.

ނަމަވެސް މިޙާރު މިވަނީ ދިވެހި ޒުވާނަކު ދިވެހި މޮނޮޕޮލީއެއް އުފައްދާފައެވެ. މަޢާފްކުރައްވާށެވެ. ދިވެހި މޮނޮޕޮލީއޭ ދެންނެވުމުން އަދި މުޅިން ރަނގަޅެއްނޫނެވެ. މޮނޮޕޮލީއެއް ނޫން "މާލްދިޕޮލީ"އެވެ.

ނ. ވެލިދު އަށް އުފަން އުމުރުން 22 އަހަރުގެ އަހުމަދު ޝާޒިން މުޙައްމަދު މިވަނީ މާލްދިޕޮލީގެ ނަމުގައި ދިވެހި ގޭމް ބޯޑެއް ތައްޔާރުކޮށްފައެވެ. މާލްދިޕޮލީއަކީ މި ބޯޑަށް އޭނާ ދީފައިވާ ނަމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޝާޒިން ބުނީ މިބޯޑު ފުރަތަމަ ތައްޔާރުކުރީ އޭނާގެ ކޮއްކޮއާއިއެކު ކުޅެލަންކަމަށެވެ. ނަމަވެސް ރައްޓެއްސެއްގެ އެދުމުގެ މަތިން ސޯޝަލް މީޑިއާއަށް މީގެ ފޮޓޯއެއް ލުމުން ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.

މާލްދިޕޮލީ ތައްޔާރުކޮށްފައިވަނީ ކްލެސިކް މޮނޮޕޮލީގެ ކޮންސެޕްޓަށެވެ. ނަމަވެސް ތަފާތަކީ މާލްދިޕޮލީގައި ދިވެހިވަންތަގޮތެއް އެކުލެވިފައިވުމެވެ.

"ކްލެސިކް މޮނޮޕޮލީގެ ކޮންސެޕްޓް ހަމަ އޮންނާނީ. ބިމުގެ ބަދަލުގައި މީގައި ހުންނާނީ ރާއްޖޭގެ ވެރިކަންކުރާ ރަށްރައް. ދިވެހި ކޮންސެޕްޓަކީ ދޯނިތަކެއްގައި ރަށްތަކަށް ދަތުރުކޮށްފައި ގެއާއި ހޮޓާ އަޅައިގެން ކުޅުން" ޝާޒިން ބުންޏެވެ.

މާލްދިޕޮލީއަށް ތަރުހީބު ވަނީ ބޮޑުވެފައެވެ. މިހާތަނަށް 36 އަކަށްވުރެ ގިނަ އޯޑަރު ލިބިފައިވާކަމަށް ޝާޒިން ބުންޏެވެ. ޝާޒިންބުނީ އާންމުގޮތެއްގައި މީގެ ބޯޑެއް 2 ދުވަހުން ނިންމާލެވޭނެކަމަށެވެ.

"ޝޯސަލް މީޑިއާގައި ވަރަށް ތަރުހީބު ބޮޑު. މިހާތަނަށް 36 އަކަށްވުރެ ގިނަ އޯޑަރު ލިބިއްޖެ. މި ބޯޑު ގަންނަން ބޭނުން ފަރާތްތަކުން "ކޯޓެކްސް" ފޭސްބުކް ޕޭޖަށް މެސެޖްކޮށްލީމަ އޯޑަރު ނަގާނެ." ޝާޒިން ބުންޏެވެ.

މާލްދިޕޮލީ ބޯޑާއިއެކު މީގައި ކުޅެން ބޭނުންކުތާ ކުޅޭކުޅޭ 28 މިލްކިއްޔާތު ކާޑާއި، 12 ފުރުސަތު ކާޑާއި، 12 ޚަޒާނާ ކާޑުގެ އިތުރުން 10 ހޮޓާ، 25 ގެ، 2 ޑައިސް އަދި 5 އުޅަނދާއި ފައިސާވެސް ލިބޭނެއެވެ. އަދި ރާވާނެ ގޮތުގެ އިރުޝާދުވެސް ބޯޑާއިއެކު ލިބޭނެއެވެ.