ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް، ދަނޑުވެރިންނަށް މާލީ ގޮތުންނާއި ތަމްރީނުގެގޮތުން ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ މީދޫގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެއެވެ.
ދަނޑުވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތްތަކާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަކީވެސް މަސްވެރިކަމެކޭ އެއްފަދައިން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމަކާއި އެހީތެރިކަމެއް ބޭނުންވާ މުހިންމު ސިނާޢަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ އިސް ޒިންމާއެއް އޮތީ ސަރުކާރުގެ އަތްމަތީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތާއި ބިންތިރި ޖަޒީރާ ޤައުމަކަށްވުމުން، އެހެން ޤައުމުތަކާ އަޅާބަލާއިރު ދަނޑުވެރިކަން ކުރުމުގައި ގޮންޖެހުންތައް ގިނަ ކަމަށެވެ. އެހެންކަމުން، ދަނޑުވެރިކަމުން އެކަށީގެންވާ އާމްދަނީއެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އިޤްތިޞާދީ އަދި މޫސުމީގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް، އަހަރުގެ ހުރިހާ މޫސުމެއްގައިވެސް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ރާއްޖޭގައި އޮތުމަކީ ލިބޭ ބޮޑު ފައިދާއެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ޤައުމުގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުން ކަމަށާއި، މިއީ ހަމައެކަނި އިޤްތިޞާދީ ކަމެއްގެ އިތުރުން ޤައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޒަމާނީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަޢުލީމާއި ތަމްރީނުގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއި މާލީ އެހީތެރިކަން ކޮންމެހެން ބޭނުންވާކަމަށާއި، މިކަމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއާމެދު ދެކޭގޮތް ބަދަލުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޒިންމާއެއް އެބައޮތް. އެންމެ އިސްކަމެއްދީގެން ދަނޑުވެރި ކޮމިއުނިޓީތަކަށް ކޮށްދޭން މަސައްކަތް ކުރާ ކަންތައްތައް އެއީ. ދަނޑުވެރިނަށް ބޭނުންވާ ތަމްރީނާއި ތައުލީމާއި ވަސީލަތުގެ ގޮތުން ދަނޑުވެރިނަށް ފޯރުކޮށްދޭ ކަންކަމާއި މާލީ ގޮތުން އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކުރުން. ނުވަތަ އެކަންކަން ކޮށްދިނުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒު" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ %90 އަށްވުރެ ބޮޑުބައި އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އެގޮތުން އަހަރަކު 60 މިލިޔަން ޑޮލަރުގެ މޭވާއާއި ތަރުކާރީ އެތެރެކުރާއިރު، އޭގެ ތެރޭގައި 73 މިލިއަން ރުފިޔާގެ ކަރާ އަދި ވޭތުވެދިޔަ އަހަރު އެކަނިވެސް 105 މިލިޔަން ރުފިޔާގެ ކެބެޖާއި ލެޓިއުސް އެތެރެކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން މަދުކުރުން ކަމަށާއި، މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދަނޑުވެރިންނަށް ދޭ އެހީތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.