ވިޔަފާރި

ހޯމަ އަދި ބުރާސްފަތިދުވަހު ސްޓެލްކޯގެ ކައުންޓަރުތަކުން ޙިދުމަތް ލިބޭނެ


ކޯވިޑް19އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވީނަމަވެސް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު ސްޓެލްކޯއިން ޙިދުމަތްދޭ ކައުންޓަރުތައް ހުޅުވާފައި ހުންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޑެޓް، ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަސާސީ ޙިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތް ހެދުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޙިދުމަތްދޭ އިންޖީނުގެތަކުގެ ކައުންޓަރުތައް 13 އެޕްރީލްއިން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތިދުވަހު ހުޅުވާފައި ހުންނާނެކަމަށެވެ.

މި 2 ދުވަހު ކައުންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި ސްޓެލްކޯގެ ސޭލްސް ކައުންޓަރުތައްވެސް މި ގަޑީގައި ހުޅުވާފައި ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ގޭގައި ތިބެގެން ޙިދުމަތަށް އެދި ފޯމު ހުށައެޅުމާއި ފައިސާ ދެއްކުމުގެ އިންތިޒާމްތައް އެ ކުންފުނިން ހަމަޖައްސައިދީފައިވާކަމަށެވެ. އަދި ސްޓެލްކޯ ސޭލްސް ސެންޓަރު މެދުވެރިކޮށް ކަރަންޓާއި ގުޅުންހުރި މުދާ ވިއްކުމާއި ދޫކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެންގެ ރައްކާތެރިކަމަށްޓަކައި މި ދުވަސްވަރު ކޮންމެހެން ބޭނުންނުވާ ޙިދުމަތްތައް ލަސްކޮށްލުމަކީ ސްޓެލްކޯގެ ވަރަށް ބޮޑު އެދުމެއްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ބިލަށް ފައިސާ ދެއްކުމަށް އެޕްލިކޭޝަނާއި ވެބްސައިޓް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.