ޚަބަރު

އިޓަލީވިލާތް ފަހަނައަޅާ ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ޤައުމަކަށް އެމެރިކާ


ކޯވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާއިންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،310 މީހުންވަނީ މަރުވެފައެވެ. އެޤައުމުގައި ފާއިތުވި ހަތަރު ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 2،000 ވަރަކަށް މީހުންވަނީ މަރުވެފައެވެ.

އެންމެ ފަހުގެ ޢަދަދުތަކާއެކު އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދުވަނީ 20،057އަށް އަރައިފައެވެ. އެއީ އިޓަލީވިލާތުގައި މަރުވި 19،468 މީހުންނަށްވުރެ މަތީ ޢަދަދެކެވެ.

އެންމެ ގިނަ ބަޔަކަށް ކޯވިޑް-19 ޖެހިފައިވަނީވެސް އެމެރިކާގައެވެ. އެގޮތުން، އެމެރިކާގައި 521,623 މީހުންނަށް ކޯވިޑް-19ވަނީ ޖެހިފައިވެއެވެ. އިޓަލީވިލާތުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އުޅެނީ 152,271ގައެވެ. އަދި ސްޕެއިންގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އުޅެނީ 161,852ގައެވެ. އެޤައުމުގައި ބަލިމަޑުކަމުގެ ސަބަބުން 16,353 މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ 210 ޤައުމަކާއި ސަރަޙައްދަކުން 1,760,762 މީހުންނަށް ކޯވިޑް-19 ޖެހި. 107,637 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 61,927 މީހުންނަށް ކޯވިޑް-19 ޖެހި، 4,953 މީހުންވަނީ މަރުވެފައެވެ.