ޚަބަރު

ކޯވިޑް-19 : މިހާތަނަށް ރާއްޖެއިން 2612 ސާމްޕަލް ވަނީ ނަގާފައި


ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މިހާތަނަށް ރާއްޖެއިން 2612 ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ، ޑރ.މޫސާ މުރާދު ވިދާޅުވީ މިހާތަަނަށް ކޯވިޑް-19އަށް ޝައްކުކުރެވިގެން ރާއްޖޭގައި 2612 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން 2507 ސާމްޕަލް ކޯވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށެވެ. ޓެސްޓްގެ ނަތީޖާ ނުލިބިވަނީ 86 ސާމްޕަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ ބަލި ޖެހުނު 4 މީހަކަށެވެ. މިހަތަރު މީހުންނަކީވެސް އިގިރޭސިވިލާތުން ރާއްޖެއައި 4 ދިވެހިންނެވެ. މިއެންމެގެ ހާލުވެސް ރަނގަޅުކަމަށް ޑރ.ވިދާޅުވިއެވެ. އަދި ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް އެމީހުންގެ ފަރާތުން ފާހަގަނުވާކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ފްލޫކްލިނިކްތަކަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 64 މީހަކު ދައްކާފައިވެއެވެ. ފްލޫކްލިނިކްތަކުގެ ތެރެއިން އައިޖީއެމް ހޮޕިޓަކުން މާލެހިޔާގައި ހިންގަމުންދާ ކްލިނިކުން ޙިދުމަތްދޭ ގަނޑިތަކަށްވަނީ ބަދަލުތަކެެއް ގެނެސްފައެވެ. މިހާރު އެކްލިނިކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9އިން އިރުއޮއްސި 6 އަށެވެ.