ޚަބަރު

ކޯވިޑް-19 : ވަޒީފާއާއި ގުޅުނުހުރި ގިނަ މައްސަލަތަކެއް ވަނީ ހުށަހަޅާފައި - އެޗްއާރުސީއެމް


ވަޒީފާގެ ޤާނޫނާ ޚިލާފަށް ވަޒީފާތަކުން ވަކިކޮށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރާކަމުގެ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވް (އެޗްއާރުސީއެމް)އަށް ހުށަހަޅާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިތިމަވެފައިވާ ޙާލަތުގައި އެކޮމިޝަނުން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދަނޑިވަޅުގައި އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާއާ ގުޅުންހުރި މައްސަލަތައް ގިނަކަމަށެވެ.

އެފަދަ މައްސަލަތަކުގެ ތެރޭގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސާދަ ދުވަހުގެ މުއްދަތު ހަމަކުރާފަހުންވެސް ރިސޯޓުތަކުން ފޭބުމުގެ ހުއްދަ ލިބިފައިނުވާކަމަށް ބުނެ ހުށަހެޅާފައިވާ މައްސަލަތަކާއި، ރިސޯޓްތަކުގެ މުވައްޒަފުން ވަކި މުއްދަތެއް ނެތްގޮތަށް މުސާރަ ނުދީ ގޭގައި މަޑުކުރުމަށް އަންގާ މައްސަލަތަކާއި ވަޒީފާގެ ޤާނޫނާ ޚިލާފަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރުވާ މައްސަލަތައް ހިމެނޭކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސަފާރީގައި މަސައްކަތްކުރާ މުވައްޒަފުން އެންމެފަހު ފަތުރުވެރިޔާ ސަފާރީއިން ފައިބާތާ ތޭވީސް ދުވަސްފަހުންވެސް އަމިއްލަ ރަށަށް އަދި ކައިރި ރަށަކަށްވެސް ފޭބުމުގެ ހުއްދަ ލިބިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަވެސް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ކޮވިޑް-19އާ ގުޅިގެން، މާފުށި ޖަލާއި މާލެޖަލުގައި ލިބެމުންދިޔަ ބައެއް ޢިނާޔަތްތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ގެނައި ބަދަލުތަކާގުޅިގެން، މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ބައެއް ޤައިދީންނާއި ތަޙުޤީޤު ބަންދަށް ބަންދުކޮށްފައިތިބި ބައެއް މީހުން ނުރުހުން ފާޅުކުރުމުގެ ސަބަބުން، ޖަލު ކޮންޓްރޯލްކުރުމަށް ޙަރަކާތްތެރިވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އެމަރޖެންސީ ސަޕޯޓު ގްރޫޕް (އީ.އެސް.ޖީ)އާ ބައެއް ޤައިދީންނާއި ތަޙްޤީޤު ބަންދަށް ބަންދުކޮށްފައިތިބި ބައެއް ފަރާތްތަކުގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލައެއްވެސް ހުށަހަޅާފައި ވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މިމައްސަލަތައް ބެލުމުގެ މަސައްކަތް އެކޮމިޝަނުން މަސައްކަތް ކުރަމުން ދާކަމަށާ، ކުރިއަށް އޮތްތަނުގައި ކޮމިޝަނުން އެކުލަވާލާފައިވާ މަސައްކަތްތަކުގެ ތެރޭގައި ތިރީގައިވާ ހަތަރު ކަންތައް ޚާއްސަ އުސޫލަކުން ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް އެޗްއާރުސީއެމްއިން ވިދާޅުވެފައިވެއެވެ.

  • ކޮވިޑް-19އާ ގުޅިގެން އައިސޮލޭޓް ކޮށްފައިވާ ފަރާތްތައް ތިބި ތަންތަނުގެ ޙާލަތު ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމާއި ކޮވިޑް-19އާ ގުޅިގެން ހުށަހަޅާ މައްސަލަތަކުން ފާހަގަވާ ކަންކަމުގެ މައްޗަށް ރިޕޯޓެއް ތައްޔާރުކޮށް ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ފާހަގަކުރައްވައި ކަމާބެހޭ މުއައްސަސާތަކަށް ރިޕޯޓު ފޮނުވުން.
  • މިހާރު ކުރަމުންދާ މަސައްކަތުގެތެރެއިން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުން.
  • ކޮވިޑް-19އާ ގުޅިގެން ހުށަހަޅާ މައްސަލަތައް ޚާއްސަ ސަމާލުކަމެއްދީގެން އަވަހަށް ބެލުން.
  • ކޮވިޑް-19އާ ގުޅިގެން ސްކޫލްތަކާއި، ސަރުކާރު އޮފީސްތަކާއި، އަމިއްލަ މަސައްކަތް ކުރާތަންތަން ބަންދުވުމާއި އެހެނިހެން މަސައްކަތްތަކަށް އައި ބަދަލާ ގުޅިގެން ބޭރަށް ނިކުތުން މަނާވުމާއި ގިނަވަގުތު ގޭގައި ތިބެންޖެހުމުގެ ސަބަބުން ކުރިމަތިވަމުންދާ ތަފާތު ޢާއިލީ އަދި އިޖްތިމާޢީ ކަންކަމާގުޅިގެން ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރުން.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސް ތެރޭގައި ސަރުކާރު ބަންދުކުރުމަށް ނިންމުމާގުޅިގެން އެޗްއާރުސީއެމްގެ އިދާރާވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެކޮމިޝަނުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ އުޞޫލުތަކެއް ވަނީ ހަމަޖައްސަވާފައެވެ. އެކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1424ގެ ޚިދުމަތް މިހާރުވެސް ލިބެމުންދާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.