ޚަބަރު

ކޯވިޑް-19 : ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ ރާއްޖޭގެ ނަސީބު


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ދުރާލައި އަޅާފައިވާ ފިޔަވަޅުތަކަކީ ރާއްޖޭގައި މިބަލި ނުފެތުރި މިހާވަރަށްވެސް ކޮންޓްރޯލްވުމަށް މެދުވެރިވި އެންމެބޮޑު ނަސީބުކަމަށް ދުނިޔޭގައި މިބަލި އެންމެބޮޑަށް ފެތުރެމުންދާ އެއް ޤައުމުކަމަށްވާ އިގިރޭސިވިލާތުގައި މަސައްކަތްކުރައްވާ ދިވެހި ޑޮކްޓަރެވެ. ޑރ.މުޙައްމަދު ރަޒީމް ވިދާޅުވެއްޖެއެވެ. ޑރ.ރަޒީނާއި އޭނާގެ އަނބިކަބަލުންނަސް ކޯވިޑް-19 ޖެހުނެވެ. އެހެންނަމަވެސް މި ދެބޭފުޅުންވަނީ މިހާރު މިބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް މިބަލީގެ ނުރައްކާތެރިކަން ބޮޑުވެ، ބަލި ފެތުރުން ކޮންޓްރޯލްނުވެދާއިރު އެތައްހާސް ބަޔަކު ދަނީ މިބަލީގައި މަރުވަމުންނެވެ. މިބައްޔާ ދެކޮޅަށް ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދަނީ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނެވެ. މިބައްޔަކީ ވަކި ނަސްލަކަށް، ވަކި އުމުރަކަށް، ވަކި ބައްރަކަށް އޮތް ބަލިމަޑުކަމެއްނޫނެވެ. މުޅި ދުނިޔެ މިދަނީ މިބަލީގައި ހިތްދަތި ދުވަސްތަކެއް ކަނޑައްތުކުރަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަފުޅުކަދައްކަވަމުން އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރެއް ކަމަށް މުޙައްމަދު ރަޒީމް ވިދާޅުވީ މިބައްޔަކީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ސަމާލުވެ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯނުލަބައިފިނަމަ ނުރައްކާ ބޮޑު ބައްޔެއްކަމަށެވެ.

ރާއްޖޭގައި މިބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ރަޒީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް މިބަލި ނުފެތުރި މިހާވަރަށް ކޮންޓްރޯލް ކުރެވިފައިވަނީ ދުރާލައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. ރާއްޖެއިން މިކަމުގައި އަޅާފައިވަނީ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅުތަކެއްކަމަށްވެސް ޑރ.ވިދާޅުވި.

މިބަލި ޗައިނާއިންފެނި ބަލީގެ ނުރައްކާ އޮތްކަން ހާމަކުރި ހިސާބުން ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން މިކަމުގައި މިހާތަނަށް ނަގާފައިވާ ކޮންމެ ޑިޒިޝަނެއްވެސް ނަތީޖާ ރާއްޖެއިން ފެންނަމުންކާމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި ޙިލާފަށް ރާއްޖެއިން ދުރާލައި މިކަމަށް ތައްޔާރުވެ، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އަމަލުކޮށްފައިވަނީ ވަރަށްވެސް ފުރިހަމައަށް ކަމަށް ޑރ.ރަޒީމް ވިދާޅުވިއެވެ.

"ރާއްޖޭގައި ވަރަށްކުރިން ވަރަށްގަނޅަށް ފިޔަޅުތަކެއް ވަނީ އަޅާފައި. ވަރަށް ހަރުދަނާ ފިވަޅުތައް އަޅައި، ޤަވާޢިދުން އެކަންކަން ބެލި ހަރުކަށި ފިޔަވަޅުތަކެއް ވަނީއަޅާފައި. އަޅުގަނޑު ބުނާނީ އެނަސީބޭ ރާއްޖެއަށް މިއަދު ލިބިފަވަނީ. ދެން ރާއްޖެ އުފެދިފައިވާ ގޮތުންވެސް ބަލި ފެތުރި ކޮންޓްރޯކުރަންވެސް ފަަސޭހަވާނެ. އެވެސް ވަރަށްބޮޑު ނަސީބެއް" ޑރ.ރަޒީމް ވިދާޅުވިއެވެ.

ދިރާސާތަކުން މިހާތަނަށް ބަލިން މަރުވާމީހުންގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންކަމަށްވިޔަސް، މިހާރު ބަލި ފެތުރެމުންދާ ގޮތުން އެއްވެސް އުމުރަކަށް މިކަމުގެ ރައްކާތެރިކަން ނެތްކަމަށް ޑރ.ރަޒީމް ވިދާޅުވިއެވެ. ބަލި ފެތުރެމުންދާ ގޮތާއި، ބަލި ޖެހޭ ގޮތަށްބަލާއިރު އެއްވެސް ވަރަކަށް ބަލި އުޅޭކަން ނޭގިވެސް ބަލިޖެހި ފެތުރޭކަމަށް ޑރ.ފާހަގަކުރެއްވިއެވެ. ބަލީގައި ސީރިއަސް ހާލަތަށް ދަނީ އުމުރުން ދުވަސްވީ މީހުންނާއި ނޭވާލުމުގައި މައްސަލަތައް ހުންނަ މިހުންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންކަމަށެވެ.

ރާއްޖޭގައިވެސް މިހާރު އަޅާފައިވާ ފިވަޅުތަކަށް ލުއިތަކެއް ދިންކަމުގައި ވީނަމަވެސް ބައްޔާމެދު ދެކޭ ސީރިއަސްކަން ކުޑަނުކުރުމަށް ރަޒީމް ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިބަލީގައި އެއްވެސް ވަރަކަށް ނޭގިވެސް ހެރުދާނެ. ޢާންމުކޮށް ބަލީގައި ފެންނަ ނިޝާންތަކަކީ ހިކި ކެއްސުން، ވަރުބަލިވުން، ހުންއައުން، ފިނިވުން. މިކަންކަން ވެފައި ހަފްތާއެއްގެ ތެރޭގައިވެސް ބަލިން ރަނގަޅުވެފައ އެބަހުރޭ. ސީރިއަސްވަނީ މަދުބައެއް. ސީރިއަސް ވަނީ ނޭވާލާން އުދަގޫވާ މީހުން. ނޭވާލާން އުދަގޫވާ މީހުން މިހާލަތުގައި ވަރަށް ވިސްނަން ޖެހޭނެ. މިބަލީގައި ވަކި އުމުރެއް ވަކި މީހެއް ތަފާތެއްނެތް. ދިފާއީ ނިޒާމް ދެރަ މީހުން. އުމުރުން ދުވަސްވީ މީހުން ހާއްސަ ސަމާލުކަން ދޭންޖެހޭ." ޑރ.ރަޒީމް ވިދާޅުވިއެވެ.

އިގިރޭސިވިލާތުގައި މިބަލި ޖެހޭ މީހުންނަށް ފަރުވާދިނުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ޑރ.ރަޒީމް ވިދާޅުވީ، ބަލި ކޮންޓްރޯކުރުމަށް އިގިރޭސި ވިލާތުން ކުރަމުންދާ މަސައްކަތަށްތަކަށް ކުރިއެރުންނުލިބި ބަލި ޖެހޭ މީހުންނާއި، ބަލީގައި ސީރިއަސް ޙާލަތަށްގޮސް މަރުވާ މީހުންގެ ޢަދަދުވެސް އިންތިހާއަށް މައްޗަށްދާކަމަށެވެ. އަދި މިހާރު އިގިރޭސި ވިލާތުގެ ހުރިހާ ހޮސްޕިޓަލެއްފުރި ފަރުވާދޭނެ ތަނެއްނެތި ޤައުމު ބޮޑު ކަންބޮޑުވުމަކަށް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19ގައި އިގިރޭސި ވިލާތުން މަރުވާ މީހުންގެ ތެރޭގައިވެސް އެންމެ ގިނައީ ހިތުގެ ބަލިތައް ހުންނަ މީހުންނާއި، ހަކުރު ބަލިފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވަރަށް ވަރަށް ހަލުވިކޮށް މުޅި ގައުމަށް ބަލި ދަނީ ފެތުރެމުން. ފާއިތުވެދިޔަ ދެތިން ހަފްތާގައި ފެނިގެންދިޔައީ ބަލި ޖެހޭ މީހުންނާއި ފެންނަ ވަރު މަދުކޮށް. އެކަމަކު ކުރިއަށް މިހާރު ބަލި ފެންނަމުންދާ ނިސްބަތާއި ކަންކަން ހުރިގޮތަށްބަލާއިރު މިއަދަދު ވަރަށްބޮޑަށް އިތުރުވުމަކީ އެކަށިގެންވާކަމެއް. ހޮސްޕިޓަލުތައް ފުރި ވޯޑްތަކއްވެސް ފުރިފަވަނީ. އަސީޔޫތަކާއި، ފަރުވާދޭ ތަންތަންވަނީ ފުރިބާރުވެފަ" ޑރ.ރަޒީމް ވިދާޅުވި.

މިހާލަތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކޯވިޑް-19އާމެދު އަޅަމުންދާ ފިޔަވަޅުތަކާއި މިފިޔަވަޅުތަކާއެކުވެސް ބަލި ކޮންޓްރޯލުނުވެ ދާކަމީ ކަންބޮޑުވާކަމެއްކަމަށް ރަޒީމް ވިދާޅުވިއެވެ. އަދި މިޙާލަތުން އަރައިގަތުކަމަށް ޞިއްޙީ މާހިރުންނާއި އެޤައުމެއްގެ ސަރުކާރަކުން އިލްތިމާސްކުރާ ކަންކަމަށް އިޙްތިރާމްކުރުމަށް ޑރ.ވަނީ އިލްތިމާސް ކުރައްވާފައެވެ.