ވިޔަފާރި

ކޯވިޑް-19 : އަންނަ ހަފްތާގެ ދެ ދުވަހަކު އެމްޑަބްލިޔުއެސްސީގެ ކައުންޓަރުން ޚިދުމަތް ލިބޭނެ


އަންނަ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު އެމް.ޑަބް.ލިއު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ކައުންޓަރ ހުޅުވުމަށް ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކޯވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވުމާއެކު، ކަސްޓަމަރުންނަށް ޙިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިމަހުގެ 13 ވާ ހޯމަ ދުވަހާއި 15 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ކައުންޓަރު އަދި ރިސެޕްޝަނުން ޙިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެންބިލަށް ޗެކު މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި ކޯޓޭޝަންތަކަށް ޗެކް އަދި ކާޑް މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި، ސިޓީ އާއި އިންވޮއިސް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި ހުށައަޅާފައިވާ އިންވޮއިސްތަކަށް، ހަމަޖެހިފައިވާ އުސޫލުން، ޕޭމަންޓް ދޫކުރުމުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މާލ؛ޭގެ އިތުރުން މިދުވަސްތަކުގައި މިކުންފުނިން އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަސްޓަމަރ ސަރވިސްގެ ކައުންޓަރުތަކުންވެސް މިޙިދުމަތްތައް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އެކުންފުނީގެ ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދެވިފައިވާ ޕޭމަންޓް އައުޓްލެޓްތަކުން ފެން ބިލަށް ފައިސާ ދެއްކޭނެކަމަށާއި، އެކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބިލަށް އަރާ އަދަދު ބަލާލުމަށާއި ބިލަށް ފައިސާ ދެއްކުމަށް، އެމް.ޑަބްލިޔު.އެސްސީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރުމަށްވެސް އެކުންފުނިން އެދެއެވެ.

މީގެ އިތުރުން، މިވަގުތު ކުންފުނީގެ ޚިދުމަތްތަކާއި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި މުހިންމު ލިޔެކިޔުންތައް އެކުންފުނީގެ އީމެއިލަށް ފޮނުއްވުމަށްވެސް އިލްތިމާސްކުރެއެވެ. އަދި އިތުރު މަޢުލޫމާތު، ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމަރ ކެއަރ ސެންޓަރ 105 އަށް ގުޅުމުން ލިބޭނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެއެވެ.