ޚަބަރު

"ޤައުމީ ޝިޕިން ލައިން ކާމިޔާބު ވާނީ، ރާއްޖޭގައި މެރިޓައިން ތަޢުލީމް ކުރިއަރުވައިގެން"


ޤައުމީ ޝިޕިން ލައިން ކާމިޔާބުވާނީ ރާއްޖޭގެ މެރިޓައިމް ތަޢުލީމަށްދޭ އިސްކަން މިހާރަށްވުރެ އިތުރުކޮށްގެންކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޤައުމީ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ. އެމްއެސްއެސްގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވަނީ ދިވެހިންގެ މެދުގައި ޝިޕިންލައިނަށް އޮތް އިތުބާރު މުޅިން ނެތިފައިވާ ކަމަށެވެ. މިޙާލަތައް މިކަންދިޔައީ ވޭތުވެދިޔަތަނުގައި މިދާއިރާ ބަނގުރޫޓުވުމުގެ ސަބަބުންކަމަށެވެ.

އަބްދުﷲ ސަޢީދު ވަނީ މިފަހަރު އަލުން މިމަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި ޕްލޭންތަކެއް ހަދައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިހާރު އެންމެ މުހިންމީ މިދާއިރާއިން ދިވެހި ދަރިން ބިނާކުރުންކަމަށާ، ރާއްޖޭގެ މެރިޓައިމް ތަޢުލީމަށްދޭ އިސްކަން އިތުރުކުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

"މިހާރު މި ފެންނަނީ އޮތް އިތުބާރު ގެއްލިފައި ވާތަން. އަޅުގަނޑުމެން މި އިތުބާރު ހޯދާނަން. މިހާރު އެންމެ މުހިންމީ މިދާއިރާއިން ދިވެހި ކުޅަދާނަ ދަރިން ބިނާކުރުން. ރާއްޖޭގެ މެރިޓައިމް ތަޢުލީމަށްދޭ އިސްކަން މިގޮތުން އިތުރުކުރަންޖެހޭ"

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ފަށާފައިވަނީ ކޮލަމްބޯ މަގުން ފަށާފައިވާ ފީޑަރ ޚިދުމަތެއްކަން ފާހަގަކުރައްވައި އެމްއެސްއެސްގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ކުރިއަށް އޮތްތަނުގައި މިޚިދުމަތް ފުޅާކޮށް ޑިރެކްޓް ލައިންތައް ގެނައުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އިތުރު ޓްރާންސްޝިޕްމަންޓް ބަނދަރުތައް ހުރި ޤައުމުތައް ކަމަށްވާ ސިންގަޕޯރ ޔޫއޭއީ އަދި ތައިލެންޑަށް ޑިރެކްޓް ލައިންތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އަލަށް ފެށި ޚިދުމަތާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ މިދަނޑިވަޅުގައި ޤައުމަށްކުރާ އަސަރު ކުޑަވާބެކަން ޢަބްދުﷲ ސައީދު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ޑޮލަރު ވަންނާނެ އައުމަގެއް ހުޅުވިގެންދާއިރު، ހެޔޮއަގުގައި މުދާ ލިބޭނެމަގު މިވަގުތު ފަހިވެގެން ދިއުމަކީ މި ޙާލަތުގައި ރާއްޖެއަށް އިންތިހާއަށް ބޭނުންވާކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިން، އެމްއެމްއެސްގެ ފުރަތަމަ ބޯޓާއެކު ޤައުމީ ޝިޕިންގ ލައިނަރގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، މި ޝިޕިން ލައިންގެ ފުރަތަމަ ބޯޓް "އެމްވީ އައިބީރިއަން އެކްސްޕްރެސް" ކާޑާއި ބޭސްގެ ޝިޕްމަންޓަކާއެކު ރާއްޖެ ވަނީ އައިސްފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ނުވަދިހަ ނުވައެއް ޕޮއިންޓު ނުވައެއް ނުވައެއް އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސުމެއް ޕޮއިންޓު ސުމެއް އެކެއް އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ.