ޚަބަރު

ކޯވިޑް-19 : އިންޑިއާއިން މެލޭރިއާ ބޭސް އެކްސްޕޯޓުކުރާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ


ދުނިޔޭގައި މިހާރު ހަލުވިކަމައެކު ފެތުރެމުންދާ ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން އިންޑިއާއިން ދޫކުރާ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމާއި ގުޅިގެން ދިވެހި ސަރުކާރުން އިންޑިއާއަށް ޝުކުރުއަދާކުރައްވައިފިއެވެ.

އެންޓި މެލޭރިއާ ޑްރަގް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން އަކީ އިންޑިއާގައި އުފައްދާ ބޭހެކެވެ. ނަމަވެސް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެޤައުމުން މި ބޭސް އެކްސްޕޯޓް ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އެކްސްޕޯޓް ކުރުމުގައި އިސްކަންދޭނެ 13 ޤައުމެއް ވަނީ ކަނޑައަޅާފައެވެ. ސަރަހައްދީ ބައެއް ޤައުމުތައް ހިމެނޭ މި ލިސްޓުގައި ރާއްޖެ ހިމެނުމުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އެކުވެރި ގާތްޤައުމެއްގެ ހައިސިއްޔަތުން އިންޑިއާއިން ވެދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް ވަނީ އިންޑިއާއިން މި ބޭސް ފޯރުކޮށްދޭ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނާފައިވާތީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ. ހައިޑްރޮކްސީކްލޮރޮކުއިން އަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރާ ބޭހެކެވެ. އަދި ރާއްޖޭގައިވެސް މިބައްޔަށް ފަރުވާ ދިނުމުގައި ބައެއް ހާލަތުގައި މި ބޭސް ބޭނުންކުރާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ވަނީ ހާމަކޮށްފައެވެ.

މި ބޭސް އިންޑިއާއިން އެކްސްޕޯޓްކުރާ 13 ޤައުމުގެ ތެރެއިން ސަރަޙައްދީ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިތުރުން ނޭޕާލް، ބޫޓާން، އަފްޣާނިސްތާން އަދި ބަނގުލަދޭޝްއެވެ.