ޚަބަރު

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވޭ ސަބަބު މަބުރޫކު ހާމަކުރައްވައިފި


ރެއާއި މިރޭ ނޫސްވެރިންގެ ބައްދަލުވުމުން މަބުރޫކު ނުފެންނާތީ އާއްމުން ކަންބޮޑުވެފައި ވަނިކޮށް، އެކަމުގެ ސަބަބު މަބުފޫކު ހާމަކުރައްވައިފިއެވެ.

މަބުރޫކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑޮކްޓަރު ދެއްވާފައިވާ ލަފާގެމަތިން އަރާމުކުރައްވަމުން ގެންދަވާކަމަށާއި، އަޑު ރަނގަޅުވުމުން ލަހެއް ނުވެ ނޫސްވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

ކޯވިޑް19 ގެ ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި އަދި މީޑިއާތަކާއި ހިއްސާކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވި ތަރުޖަމާނަކީ، ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކް އަޒީޒެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އުފައްދަވައި އެސެންޓަރުން ކުރަމުންދާ މަސައްކަތްތަކާއި، ޖުމްލަކޮށް ސަރުކާރުން މިވަގުތު ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސަރުކާރުގެ ފަރާތުން ހާމަކުރައްވަނީ އޭނާއެވެ.

ކޯވިޑް19 އާއި ގުޅިގެން، ޚާއްސަކޮށް މިބައްޔަށް ރާއްޖޭގައި މީހުން ޕޮޒިޓިވްވި ހިސާބުން ފެށިގެން ކޮންމެ ދުވަހަކު ދެ ފަހަރު ނޫސްވެރިންނާއި ބައްދަލުކުރައްވައި އެންމެ ފަހުގެ ތަފާސްހިސާބުތަކާއި ސަރުކާރުގެ ނިންމުންތަކާއި ގުޅޭ މައުލޫމާތު މަބްރޫކް އައީ ހިއްސާކުރައްވަމުންނެވެ.

މިހާރު ކޮންމެ ދުވަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުކުރައްވާފައިވާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވާ ޖަވާބުތަކާއި ނޫސްވެރިންކުރާ ސުވާލުތަކަށް ކެތްތެރިކަމާއެކު ދައްކަވާ މިސާލަށް ގިނަބައެއްގެ ތައުރީފުވަނީ މަބްރޫކަށް ލިބިގެންގޮސްފައެވެ.

ނަމަވެސް އިއްޔެއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުން މަބްރޫކް ނުފެނުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މަބްރޫކް ކޮބައިތޯ ސުވާލުކުރަމުންދަނިކޮށް މަބުރޫކު ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭ ސަބަބު ޓުވިޓާގައި ހާމަކުރައްވާފައެވެ.

މަބްރޫކްގެ ޓުވީޓާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދިފައެވެ. އަދި މަބްރޫކު ނެތުމުގެ ފަޅުކަން އިހުސާސްކުރެވޭކަމަށްބުނެ ބައެއް ފަރާތްތަކުން ޝުޢޫރުފާޅުކޮށްފައިވެއެވެ.