ޚަބަރު

ޤައުމީ އެއަރލައިން ޤައުމީ ޚިދުމަތުގައި! ދިވެހިން ރާއްޖެ ގެނެސްދިނުމުގައި އަވަދިނެތި.


ކޯވިޑް-19 އިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅި ޤައުމުތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނެއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފިޔަވަޅުތައް އަޅަމުންދިޔައީ މި ބަލީގެ ޕޮޒިޓިވް ކޭސްއެއް ނުފެންނާނެކަމަށް ބަލައިގެނެއް ނޫނެވެ. މުޅި ރާއްޖެ އެ ހާލަތަށް ތައްޔާރުވިއެވެ. ހޮސްޕިޓަލްތަކާއި، ސިއްޙި މަރުކަޒުތަކާއި، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި އެނޫންވެސް އެކިއެކި ތަންތަނުން ކުއްލި ހާލަތަށް ވަރަށް ބޮޑަށް އޮތީ ތައްޔާރުވެފައވެ.

މިކަމުގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރީންނެވެެ. ކޯވިޑް-19 އަށް ޕޮޒޓިވް ވި މީހަކު އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވާކަން އިޢުލާންކުރީ މާރިޗް މަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް މި ބައްޔަށް 19 މީހުން ޕޮޒިޓިވް ވެފައިވާކަން ކަށަވަރުވެފައިވާއިރު 13 މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. 4 ދިވެއްސަކަށް އަންނަނީ ފަރުވާދެމުންނެވެ.

ބަލިން ޕޮޒިޓިވްވި މީހާ ފެނުނު ދުވަހުން ފެށިގެން އެންމެ ގާތުން އެމީހުންނަށް ޚިދުމަތް ފޯރުކޮށްދެނީ ސިއްޙީ ޚިދުމަތްތެރީންނެވެ. ޕާރސަނަލް ޕްރޮޓެކްޝަން އިކްއިޕްމަންޓް (ޕީޕީއީ)އާއެކު ނުވަތަ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅާއިގެން ބަލި މީހާއާއި އެންމެ ގާތުން ޚިދުމަތް ދިނުމަކީ ހަޤީޤަތުގައިވެސް ފަސޭހަކަކަށް ނުވާނެއެވެ. އެއީ ބިރުވެރި އަދި އެހާމެ ނުރައްކާތެރިކަމެވެ.

ދުނިޔޭގައި ހުރިހާ ގޮތަކުންވެސް އެންމެ ކުރިއަރާފައިވާ ބޮޑެތި ޤައުމތަކުގައިވެސް ސިއްޙީ ޚިދުމަތްތެރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް ވަނީ މި ބައްޔަށް ހުށައެޅި މިބަލީހައި އެތައް ޑޮކްޓަރުންނަކާއި ނަރުހުންނެއް ވަނީ މަރުވެފައެވެ. އެހެންކަމުން މި ބަލީގެ ނުރައްކާ ހިތަށް ގެނެވެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި އެންމެ ގާތުން ޚިދުމްތްކުރާ ޚިދުމަތްރީންގެ އިތުރުން، މުޅި ރާއްޖެ މިބަލިން ރައްކާތެރިކުރަން އެންމެން ގުޅިގެން ކުރާ މަސައްކަތުގައި ފެންނަނީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.

މި ބަލިން ރާއްޖެ އަރައިގަތުމަށް މަސައްކަތްކުރަން އުފައްދާފައިވާ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި އެތައް ދާއިރާއަކުން އެތައް ޚިދުމަތްތެރީންނެއް އަންނަނީ މަސައްކަތްކުރަމުންނެވެ..
މި ބަލީގެ ނުރައްކާ އޮތް މިންވަރު އަވަށްޓެރި ޤައުމުތަކުންނާއި ދުރު ޤައުމުތަކުން، އަދި ދުނިޔޭގެ ހަތަރު ބިތުންވެސް އަންނަނީ ފެންނަމުންނެވެ. އެ ޤައުމުތަކުގައި ދިވެހިންގެ އެތައް ބަޔަކު ދިރިއުޅެމުން އަންނައިރު އެ ދިވެހިންވެސް އުޅެމުން އަންނަނީ ވަރަށް ބިރުވެރި މާހައުލެއްގައެވެ. ގެއިން ބޭރަށް ނުނުކުމެވި ކާބޯތަކެތި ހުސްވެ އެތައް ދިވެހިންނެއް ތިބީ އެހީއަށް އެދިއެދިއެވެ. އެެއިން ކޮންމެ މީހެއްގެ އާއިލާއިން ނުވަތަ ގާތް މީހުން ބޭނުންވެފައިތިބީ އެމީހުން އަނބުރާ ރާއްޖެ ގެންނާށެވެ.

މިކަމުގައިވެސް ފެނިގެން ދިޔައީ ސަރުކާރުގެ އަވަސް ފިޔަވަޅުތަކެއް އަޅާއި، އެއްވެސް ދިވެއްސެއް ތަފާތުކުރުމެއް ނުގެންގުޅޭ މަންޒަރުތަކެވެ. ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށްވެސް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސިއެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް އާދެވޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.

މިކަމުގައި ޤައުމީ އެއަރލައިން ޤައުމީ ޚިދުމަތުގައި ފެނިގެންދިޔައެވެ. ދުނިޔޭގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުތައް ހުއްޓިފައިވަނިކޮށް މޯލްޑިވިއަން މީގެ ކުރިން ދަތުރު ނުކުރާ މަންޒިލްތަކަށްވެސް އުދުހުންތައް ބާއްވާ ކޯވިޑް-19 އެންމެ ގަދަޔަށް ފެތުރޭ ޤައުމުތަކުންވެސް ދިވެހިން ގެނައުމުގައި ޤައުމީ އެއަރލައިން ދެއްކީ ތަޢުރީފް ހައްޤު ބުރަ މަސައްކަތެކެވެ.

ރާއްޖެއިން ބޭރުގެ ތިން މަންޒިލަކުން މިހާތަނަށް ވަނީ ފަސް ސަތޭކައެއްހާ ދިވެހިން ރާއްޖެ ގެނެސްފައެވެ. ސްރީލަންކާގެ ކޮލޮމްބޯއިން 100 ދިވެހިންނާއި، އިންޑިއާގެ ކޮޗިން އިން ދުއިސައްތައެއްހާ މީހުންނާއި، މެލޭޝިއާއިންވެސް ދުއިސައްތައެއްހާ ދިވެހިން ވަނީ ރައްކާތެރިކަމާއެކު ރާއްޖެ ގެނެސްދީފައެވެ.

ޑޮކްޓަރުންނާއި ނަރުހުންނެކޭ އެއްފަދައިން ޤައުމީ އެއަރލައިންގެ މުވައްޒަފުންވެސް ކުރަމުން އެދަނީ ޤައުމީ ޖިހާދެކެވެ. އެއަރލައިންގެ މުވައްޒަފުން މީގެ ކުރިން ފެނިފައި ނުވާފަދަ ގޮތަކަށް ފެނިގެން ދިޔައެވެ. އަމިއްލަ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއެކުވެސް ފްލައިޓްގެ އެޓެންޑެންޓުންނާއި ކެބިންކްރޫއިންވެސް އަދާކުރި ޒިންމާއަކީ ފާހަގަނުކޮށް ދޫކޮށްލެވޭނެ ޚިދުމަތެއް ނޫނެވެ. މި ނުރައްކާތެރި ވަގުތު ބިރުވެރި މާހައުލެއްގެ ތެރެއިން އެތައް ދިވެހިންނެއް އަމިއްލަ ވަޒަނަށް ގެނެސްދީފިއެވެ.

ޤައުމީ އެއަރލައިން އަދިވެސް ދެމިއޮތީ ޤައުމީ ޚިދުމަތުގައެވެ. އަދިވެސް ދިވެހިން ގެނައުމުގެ މަސައްކަތުގައި ފެނިގެންދަނީ އަވަސް މަސައްކަތްތަކެކެވެ. ޤައުމީ އެއަރލައިންގެ ޤައުމީ ޚިދުމަތް ދިވެހިންނަށް ދައްކައިދީފިއެވެ. ކުންފުނީގެ ފައިދައަށްވުރެ އިސްކުރީ ދިވެހި ރައްޔިތުންނެވެ. މޯލްޑިވިއަންގެ ޚިދިމަތަށް އައްސަރިބަހާއި ސާބަސް ހައްޤެވެ.