ވިޔަފާރި

ފެބުރުއަރީ މަހުގެ ގްރީން ޓެކްސް ދަށްވެއްޖެ


މި އަހަރުގެ ފެބުރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ގްރީން ފަންޑު" ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ގްރީން ފަންޑަށް ލިބިފައި ވަނީ 77 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީމަހު ގްރީން ޕަންޑަށް ލިބިފައިވަނީ 79 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ މި ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ރިޒޯޓްތަކާއި ގެސްޓް ހައުސްތަކުން ލިބިފައިވަނީ 75 މިލިއަން ރުފިޔާއެވެ. އަދި ސަފާރީތަކުން ލިބިފައިވަނީ 2.2 މިލިއަން ރުފިޔާއެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު ފެބުރުއަރީމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ ޖުމްލަ 26 މިލިއަން ރުފިޔާއެވެ. އެއަށްފަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅާއި ދ. އަތޮޅުންނެވެ. ފެބުރުއަރީ މަހުގެ ގްރީން ޓެކްސް ދަށްވެފައިވަނީ ކޯވިޑް 19 އާ ގުޅިގެން ރާއްޖެ ފަތުރުވެރިން އެތެރެވުން ސަރުކާރުން ހުއްޓާލުމާ ގުޅިގެންނެވެ.

ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށެވެ.