ޚަބަރު

ކޯވިޑް-19 : ހަރަމްފުޅުފައި ނަމާދުކުރުމުގެ ނަސީބުލިބޭ މީހުންނަކީ މިއީ!


ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދުކޮށްފައިވީނަމަވެސް އެތަނުގައި ނަމާދުކުރުމުގެ ނަސީބު މަދުބަޔަކަށް ނަމަވެސް ލިބެއެވެ. މިނަސީބްލިބިފައިވާ މަދު މީހުންގެ ތެރޭގައި ހިމެނެނީ ހަރަމްފުޅު ސާފްކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މަސައްކަތު މީހުންނެވެ.

މައްކާގެ މާތްވެގެންވާ ޙަރަމްފުޅު ބަންދުކުރިނަމަވެސް ފަރުޟު ނަމާދުތަކުގެ ވަގުތު ބަންގި ގޮވައި ނަމާދުކުރެއެވެ. އަދި އިމާމު ގެންދަވަނީ އަޑުގަދަކުރާއިން ދުރަށް އަޑުއިވޭހެން ފަރުޟު ނަމާދުވެސް ކުރައްވަމުންނެވެ. ފުރިބާރުވެ އެތައްހާސް ބަޔަކު ޖަމާއަތުގެ ނަމާދު ކުރަމުންދިޔަ މި މާތް ހަރަމްފުޅުން މިއަދު ފެންނަމުން ދަނީ ފަޅުކަމެވެ.

ހަރަމްފުޅުން ފެންނަމުންދާ ހިތްދަތި މަންޒަރާއިއެކު މުސްލިމުންގެ ހިތްތަކަށްދަނީ ފުންއަސަރުތަކެއް ކުރަމުންނެވެ. ދާދިފަހުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ފޮޓޯއެއްގައި ހަރަމްފުޅު ސާފުކޮށް ބަލަހައްޓަމުންދާ މަސައްކަތު މީހުންގެ ތެރެއިން މީހަކު ހަރަމްފުޅުގެ ތެރޭގައި ނަމާދުކުރަން ހުރި މަންޒަރު ފެނިގެންދިޔަ ފޮޓޯއަކީ މުސްލިމުންގެ ހިތްތަކަށް ފުންއަސަރުތަކެއް ކުރުވި ފޮޓޯއެކެވެ. އެތައް ލައްކަ ބަޔަކު ކޮންމެ އަހަރަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށް، ތަވާފްކޮށް، ނަމާދުކުރަމުން ދިޔަ ހަރަމްފުޅުގައި ނަމާދުކުރުމުގެ ނަސީބު ލިބިފައި ވަނީ މިސްކިތުގެ މުދިމަށާއި، ހަރަމްފުޅު ސާފުކޮށް ބަލަހައްޓަމުންދާ މީހުންނަށް އެކަންޏެވެ.

މައްކާގެ މާތްވެގެންވާ ޙަރަމާއި އެތަނުގައި ހުންނަ ކައުބަތުﷲ ގެފުޅަކީ ހައްޖާއި ޢުމްރާގެ އަޅުކަމުގެ ދުވަސްވަރު ނޫނަސް އަބަދުވެސް އެތައް ސަތޭކަބަޔަކު ޖަމާވެ ނަމާދާއި ޠަވާފާއި، އަޅުކަމުގައި ވަގުތު ހޭދަކުރާ ތަނެކެވެ. މިތަނުގައި ކުރާ ނަމާދުގެ ޘަވާބާއި ދަރުމަ އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެތައްގުނައެއް އިތުރުވެގެންދެއެވެ. ޙަރަމްފުޅުގައި ނަމާދުކުރުމަށް އެތައްބަޔަކު އަބަދުވެސް ޖަމާވެފައި އޮންނަ ސަބަބަކީ މިއީއެވެ. އަދި އެތަނުގައި ޖަމާޢަތުގައި ކުރާ ނަމާދުގެ ދަރުމަ ވަކިންބޮޑުކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

ޝައުބާންމަހުގެ އެންމެފަހު ދުވަސްތައްގުގައި މާތްވެގެންވާ ރަމަޟާން މަހާއި މުސްލިމުން ކުރިމަތިލާއިރު މާތްވެގެންވާ ހައްޖުގެ އަޅުކަމުން މިއަހަރު މުސްލިމުންނަށް އަދާކުރެވިދާނެތޯ މިވަނީ ސުވާލު އުފެދިފައެވެ. މުސްލިމު ޤައުމުތަކާއި، މުސްލިމު ރައްޔިތުންނަށް މިއަހަރުގެ ހައްޖުގެ އަޅުކަމަށް ތައްޔާރުވުމަށް ކުރާ މަސައްކަތް އަދި މަޑުޖައްސާލުމަށް ސައޫދީ ސަރުކާރުންވެސް އަންގަވާފައެވެ.

އެންމެބޮޑު ޖަމާޢަތަކާއެކު ނަމާދުކުރަމުންދިޔަ ޙަރަމްފުޅު ބަންދުކޮށް، މުޅި މިސްކިތް ހުސްކޮށްއޮވެ އެތަނުގައި ނަމާދުކުރަންޖެހުމަކީ މިސްކިތުގެ އިމާމަށް ވަރަށް ފުން އަސަރުތަކެއް ކުރުވާކަމަކަށްވަނީ ވެފައެވެ. ނަމާދުގައި ކިޔަވާވިދާޅުވާއިރު، އިމާމަށް ކީރިތިކުރެެއްވޭ އަޑާއި ކޮށްފައިވާ އަސަރު އަޑުން ހާމަވެއެވެ. މިއަޑާއެކު މުޅި އިސްލާމީ އުންމަތް ފެންކަޅިވެ ގިސްލައެވެ.

ކޯވިޑް 19ގެ ނުރައްކާ ސައުދީ އަރަބިއްޔައަށްވެސްކޮށް އެކަމުން އަރައިގަތުމަށް އެޤައުމުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މުސްލިމުންގެ އެންމެ މުޤައްދަސް ދެ ޙަރަމްކަމުގައިވާ މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމާއި މަދީނަތުލްމުނައްވާރާގައި ހުންނަ މަސްޖިދުއްނަބަވީގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ދެމިސްކިތް ބަންދުކޮށްފައިވަނީ މާރޗްމަހުގެ 20ވަނަ ދުވަހުއެވެ.

މިހާތަނަށް ސައުދީ އަރަބިއްޔާއިން ކޯވިޑަށް 3،200 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، އެޤައުމުންވަނީ ބަލީގައި 40 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެޤައުމުންދަނީ ބަލި ކޮންޓްރޯކޮށް ބައްޔާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.