ޚަބަރު

ކޯވިޑް-19 : ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ އިންތިޒާމުތަކެއް - އެޑިއުކޭޝަން މިނިސްޓަރ


ސްކޫލްތަކުގައި ތިބި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންގެ ކަންކަން ބަލަމުން އަންނަކަމަށާއި ގޭގައި ކުރަންދޭ މަސައްކަތްތައްވެސް އެކުދިންނާ ގުޅޭގޮތަށް ބައްޓަންކޮށްފައިވާކަމަށެވެ. މިކުދިންގެ ކިޔެވުން ކުރިއަށް ގެންދަނީ މައިގަނޑު 4 ކަމަކަށް އަލިއަޅުއްވާލައިގެން ކަމަށާއި، އެގޮތުން ސްކޫލްތަކުގައި ޢާއްމުކޮށް ކުރިއަށްގެންދާ ގައިޑްލައިންގެ ދަށުން ދާއިރާ ކަނޑައެޅުމަށްފަހު އެދާއިރާތަކަށް އަމާޒުކޮށްގެންނާއި ޓެލިކިލާސް މެދުވެރިކޮށްގެން ކިޔަވައިދިނުމާއި އެންމެ ބޭނުންވާ ދަރިވަރުންނަށް ޚާއްސަ އެކްޓިވިޓީ ޕެކެއް މެދުވެރިކޮށް އެހީތެރިވުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ.

ޚާއްސަ އެހީތެރިކަން ބޭނުންވާ ކުދިންގެ ތަޢުލީމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިފަދަ ކުދިންނަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަކަމަށާއި ގޭގައި ކިޔެވުމަށް ބޭނުންވާ އިތުރު މެޓީރިއަލްސް ތައްޔާރުކުރުމުގެ މަސައްކަތް ޔުނިސެފާއި ގުޅިގެން ކުރިއަށްދާކަމަށެވެ. އަދި މިތަކެތި ތައްޔާރުވީހާއަވަހަކަށް ބެލެނިވެރިންނަށް ހިއްސާކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަލްނަރަބަލް ކުދިންކޮޅުގެ ޙާލުވެސް އަޅުގަނޑުމެންގެ ކައުސިލަރުންނާއި މުދައްރިސުން އަންނަނީ ކޮންމެ ދުވަހަކު އެއްފަހަރު ބަލަމުން. އެކުދިންނަށް ބޭނުންވާ ކަންކަން ހުރިތޯ ބަލާ އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތްވެސް އެބަކުރިއަށްދޭ." މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކުދިންގެ ވަށައިގެންވާ ކަންކަން ދެނެގަތުމަށް ބޭނުންވާ ހިއްސުތަކަށް ނުވަތަ ސެންސްތައް ދަސްކޮށްދިނުމަށް ބާރުއެޅުމަށްވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ޢާއްމު އުސޫލެއްގެ ގޮތުން ދަރިވަރުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ހިސާބުގެ ބައިތަކަށްވެސް އިސްކަމެއް ދިނުމަށްވަނީ ނިންމާފައެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ވަގުތުގައި ކުދިންގެ ކިޔެވުމުގެ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިކަމުގައި އެކި ވަޞީލަތްތަކާއި އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުދިންނަށް ބޭނުންވާ ފިލާވަޅުތައް ފޯރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މުޅިންއެއްކޮށް ބަންދުކުރަންޖެހޭ ހާލަތެއް މެދުވެރވެއްޖެނަމަ އެފަދަ ޙާލަތަކަށްވެސް ތައްޔާރުވަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.