ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލައިފިއެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް އދން ބާރުއަޅަމުންދާ ދަނޑިވަޅެއްގައި ޔަމަނުގެ ސަރުކާރަށް ވާގިވެރިވުމަށް ސަޢުދީ ޢަރަބިއްޔާ އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިޙާދުންވަނީ 2 ހަފުތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމާފައެވެ. އެކަމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
ގުޅިފައިވާ އަސްކަރީ އިއްތިޙާދުން އެގޮތަށް ނިންމިނަމަވެސް ޔަމަނުގެ ވެރިކަން ގަދަބާރުން އަތުލުމަށް މަސައްކަތްކުރާ ހޫޘީ ހަނގުރާމަވެރި ޖަމާޢަތުން ޙަމަލާ ބަދަލުކުރުން ހުއްޓާލިކަން ރަސްމީކޮށް އިޢުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށްއޮތް 2 ހަފުތާއަކީ 2018ވަނަ އަހަރުގެ ފަހުން ޔަމަނުގެ ދާޚީލީ ހަނގުރާމަ ނިންމާލުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރެއެވެ. އެގޮތުން ކޯވިޑް-19އާ ގުޅުވައިގެން ހުޅަނގުގެ ޤައުމުތަކާއި އދންވަނީ ޔަމަނުގެ ދާޚީލީ ހަނގުރާމަ ނިންމާލައި ޞުއްޙަ ޤާއިމުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.
އދން ޔަމަނަށް ކަނޑައަޅައިފަ ހުންނަވާ އިންސާނީ އެހީތެރިކަމާގުޅޭ އެންމެ އިސް ބޭފުޅާކަމަށްވާ ލީސާ ގްރާންޑޭ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޔަމަނުގެ ޞިއްޙީ ނިޒާމަށް ކޯވިޑް-19އާ ކުރިމަތުލިމުގެ ޤާބިލުކަމެއް ނެތްކަމަށެވެ. ޔަމަނުގެ ތިން ބައިކުޅަ ދެބައި މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ.
ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ފަޤީރު ޤައުމުކަމަށްވާ ޔަމަނަށްވަނީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ސީޔާސީ، އިޤްތިޞާދީ އަދި މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޔަމަނުގެ ދާޚީލީ ހަނގުރާމަވެފައިވަނީ ވާދަވެރި ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ކުރިއަށްދާ އެންމެ ވަރުގަދަ ކުރިމަތިލުމަށެވެ. އެގޮތުން، ސަޢުދީ ޢަރަބިއްޔާއިން ޔަމަނުގެ ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި އީރާނުންދަނީ ހޫޘީން އުފައްދާފައިވާ ސަރުކާރަށް ވާގިވެރިވަމުންނެވެ.