ޚަބަރު

ކޯވިޑް-19 : ޙާލަތު ރަނގަޅުކަމަށް ނިންމަން އަދި ގާތްވެސް ނުވޭ - މިނިސްޓަރ އަމީން


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތު ރަނގަޅުކަމަށް ނިންމަން އަދި މާއަވަސްކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި ރާއްޖޭގެ އެތެރޭގެ ބައެއް ކަންކަމަށް ބަދަލު ގެނެސްފައިވުމުގެ ނަތީޖާއަކީ މިބަލި ރާއްޖޭގައި ފަތުރިގެންދާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އެނުރައްކާތެރި ޙާލަތު އައުން ލަސްވުކަމަށެވެ.

މިހާތަނަށް ރާއްޖެއިން ފެނިފައިވާ ކޯވިޑް-19ގެ ކޭސްތަކަކީ ރިސޯޓުތަކުންނާއި ރައްޖެއިން ބޭރުން އައި މީހުންގެ ފަރާތުން ފެނުނު ކޭސްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޕޮޒިޓިވްވި މީހުންގެ ފަރާތުން ރާއްޖޭގެ މުޖުތަމަޢުގެ ތެރެއަށް ބަލި ފެތުރިގެން ދިޔަކަމުގެ ސާބިތު އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މިބަލި ކޮންޓްރޯލްކުރެވިފައިވާކަމަށް ބެލެވިދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަދިވެސް ރާއްޖޭގައި މި ބަލި ނެތޭ ބުނަން އުނދަގޫ. ނަމަވެސް ގިނަފަހަރު ވާގޮތަކީ ނުރަނގަޅު ޚަބަރެއް ނުރަނގަޅު ކަމެއް ބައްދަލުނުކުރާނަމަ ނުވަތަ އޭގެ ކުރިން އަޅުގަނޑުމެންނަށް ކަންފަސޭހަކުރެވިގެންދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ބައެއް ޤައުމުތަކުގައި މިބައްޔަށް ޕޮޒިޓިވްވާ މީހުން ނިސްބަތުން މަދުވެފައި ނުވަތަ ކޭސް ފެނުން މެދުކެނޑިފައި އަލުން ކޭސް އިތުރުވެ ފެތުރިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައި އަދިވެސް މިބަލި ފެތުރިދާނެކަމަށް ވިސްނައި ސަމާލުވެ ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށާ، ގައިދުރުކަން ބަހައްޓައިގެން އުޅުމުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުން ގޭގައި މަޑުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި ސްކޫލްތަކާއި އޮފީސްތަކާއި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކޮށް ޢާންމުނަށް ބައެއް ޚިދުމަތްތައްދިނުން މަޑުޖައްސާލާފައިވަނީ ގޭގައި ރައްޔިތުން ބޭތިއްބުމަށްކަމަށެވެ.

"ހަވީރު ފަހަކުން އަށަކަށް ގޭގައި މަޑުކުރަން އޮތް އޮތުން ނިމުމަކަށް ގެނައުން، އޭގެ މާނައެއް ނޫނޭ އަޅުގަނޑުމެން ހުރިހާކަމެއް ވީއްލިގެން ދިޔައީއޭ. އަދިވެސް ހާލަތު އިތުރަށް ގޯސްވެ ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފިޔަވަޅު އަޅަމުން ގެންދާނަން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ރައްޔިތުންގެ ސަލާމަތަށްޓަކައި ގައިދުރުކަން ބެހެއްޓުމަށާއި ސަރުކާރުގެ އިރުޝާދުތަކާއި ކަމާބެހޭ ފަރާތްތަކުގެ ނިންމުންތަކަށް އަމަލުކުރުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.