ޚަބަރު

ކޯވިޑް-19 : ޢަލާމާތްތައް ފެނުމުން ބައެއް ރިސޯޓްތަކުން ސިއްރުކުރޭ


ކޯވިޑް-19އާ ގުޅިގެން މިހާރު ރާއްޖޭގައި މިއޮތް ޙާލަތުގައި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރާ އެންމެފަހު ފަތުރުވެރިޔާ ރިސޯޓުން ފުރާތާ 14 ދުވަސް ތެރޭގައި ކޯވިޑް-19އަށް ޝައްކުރުވޭ އެއްވަސް އަލާމާތެއް އެރިސޯޓުގައި އުޅޭ އެއްވެސް މީހެއްގެ ގައިން ފެނިއްޖެނަމަ ސިއްރުނުކޮށް އެޗްޕީއޭއަށް އެންގުމަށް ހެލްތު މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިޙާލަތުގައި ރިސޯޓަކުން އެންމެފަހު ފަތުރުވެރިޔާ ދިއުމަށްފަހު އެ ރިސޯޓެއްގައި ތިބޭ މުވައްޒަފުންނާއި އެހެންމީހުންނަށް 14 ދުވަހުގެ މުއްދަތެއް ހަމަކުރުމަށްފަހު ރިސޯޓުން ފޭބޭނެކަމަށެވެ. އެހެންނަމަވެސް އެ މުއްދަތުގައި ކޯވިޑް-19އަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތްތަކެއް ހުރެއްޖެނަމަ އެޗްޕީއޭގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ 14 ދުވަސް ހަމަވާން ކައިރިވެފައިވަނިކޮށް ބައެއް ރިސޯޓްތަކުން މަޢުލޫމާތު ސިއްރުކޮށް އެކަމާގުޅޭ ޞައްޙަ މަޢުލޫމާތު ހާމަކުނުކޮށް ތީބޭތަން ފެންނަމުންދާކަމަށެވެ. މިގޮތަށް އަމަލުކުރަނީ އެރިސޯޓެއްގައި 14 ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަކުރަންޖެހިދާނެތީކަމަށް ޤަބޫލުކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތް ހުރުމުގެ ސަބަބުން އެ ރަށެއްގެ މީހުން 14 ދުވަސް ނުވަތަ ގިނައިން ތިބެން ޖެހިދާނެތީ އެކަން ސިއްރުކުރުމުގެ ސަބަބުން މުޅި ރިސޯޓްގައި ތިބި މުވައްޒަފުންނާއި މުޅި ރާއްޖެ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ސިއްރުނުކޮށް ތެދު މަޢޫލޫމާތު ހާމަކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"އެެއްވެސް އަލާމާތެއް ފެނިެއްޖެނަމަ މަޢުލޫމާތު ދިނުމަކީ މުހިންމުކަމެއް. އެއީ އެ ރިސޯޓާއި އެ މުވައްޒަފާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރިސޯޓަކުން އެންމެފަހު ފަތުރުވެރިޔާ ފުރުމަށްފަހު އެއްވެސް މުވައްޒަފެއްގެ ގައިން ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ސާމްޕަލް ނަގައި ޓެސްޓް ހަދަންދެން އެޗްޕީއޭއިން އެރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނެއެވެ. ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ރިސޯޓު މުވައްޒަފަކު ރިސޮޓުން ފައިބައިގެން އެމީހެއްގެ ރަށަށްވެސް އަދި އެހެންތަނަކަށްވެސް ގޮސްގެން ނުވާނެކަމަށާ، އަދި އެފަދަ ފުރުޞަތެއް އެއްވެސް މީހަކު ފަހިކޮށްދީގެންވެސް ނުވާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.