ވިޔަފާރި

ކޯވިޑް-19 : އަންނަ ހަފްތާގައި މީރާއިން ޚިދުމަތް ލިބޭނެ


ކޮންމެހެން ދޭންޖެހޭ ޙިދުމަތްތައް ދިނުމަށް އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު މީރާ ހުޅުވުމަށް އެ އޮތޯރިޓީއިން ނިންމައިފިއެވެ.

މިރާއިން ބުނީ އަންނަ ހަފްތާއަކީވެސް ސަރުކާރުގެ އޮފީސްތައް ބަންދު ދުވަސްތަކެއް ކަމުގައިވިޔަސް ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އޮންލައިންކޮށް ދެވެންހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، 13، 14 އަދި 16 އެޕްރީލް 2020 ގައި ޚިދުމަތް ދިނުމަށްޓަކައި ރަސްމީކޮށް އެ އޮތޯރިޓީ ހުޅުވާނެ ކަމަށެވެ.

މީރާއިން ބުނީ އެ އޮތޯރިޓީ ބަންދުކޮށްފައިވާ މުއްދަތާ ދިމާވި ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާދެއްކުމުގެ ސުންގަޑިތަކުގެ ފަހު ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަސް ކަމަށް ނިންމާފައިވާކަމަށެވެ.

މީރާއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކަންވާނީ އޮންލައިންކޮށް ނުވަތަ އެމް.އާރ.ޓީ.ޖީ.އެސް މެދުވެރިކޮށެވެ. މީގެއިތުރުން ކުންފުނީގެ އަހަރީ ފީ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކާ ގުޅޭ ޖޫރިމަނާ، އެއަރޕޯޓް ސެކިއުރިޓީ ފާސް، ވީސާ ފީ، އަދި މުދަލު ޒަކާތް މީރާގެ އޮންލައިން ޚިދުމަތް ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެއެވެ.

އޮންލައިންކޮށްދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ފައިސާ ކައުންޓަރުން ބަލައިގަންނާނެކަމަށް މީރާއިން ބުނެއެވެ.

ޓެކްސްޕެޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:00 އިން 13:00 އާ ދެމެދު މީރާ މޮބައިލް އެޕްލިކޭޝަން ނުވަތަ QueueBee މެދުވެރިކޮށް އޮންލައިންކޮށް ޓޯކަން ނަގާ ފަރާތްތަކަށާއި، 1415 މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކަށް ކަމަށް މީރާއިން ބުނެއެވެ.

ޓޯކަން ނުވަތަ އެޕޮއިންޓްމަންޓް ނެގުމަށްފަހު ނަންބަރު ޖެހެން ކައިރިވުމުން ޚިދުމަތް ހޯދަން އައުމަށާއި، ޚިދުމަތް ހޯދުމުގައި އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދިނުމަށް މީރާއިން އިލްތިމާސްކުރެއެވެ.