ވިޔަފާރި

ތަކެތީގެ އަގު ކޮންޓްރޯލްކުރީ އިކޮނޮމިކް މިނިސްޓްރީން- އަމްރު


ރާއްޖޭގައި ބައެއް އަސާސީ ކާބޯތަކެތި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީންކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އާންމު ގޮތެއްގައި ދިވެހިންގެ ކެއިންބުއިމުގައި ބޭނުންކުރާ 4 އަސާސީ ބާވަތެއްގެ އަގު ވަނީ ކޮންޓްރޯލްކޮށްފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިތަކެތީގެ ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އެސްޓީއޯއިން ނޫންކަމަށާއި އަގު ކަނޑައަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ. އަދި ވިއްކޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައިވަނީ އެއަށްވުރެ އަގު ބޮޑުވެދާނެކަމަށް ބަލައި އެކަން ހުއްޓުވުމަށްކަމަށް އަމްްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ކަނޑައެޅުމަކީ މާލެއާއި އެހެން ހުރިހާ ރަށަކާއި އެއްވެސް ތަފާތު ކުރުމެއްނެތި ވަކި އަގަކަށްވުރެ ބޮޑު ނުވާނެގޮތަކަށް ލިބޭނެކަން ކަށަވަރުކުރުންކަމަށެވެ. އަދި ކަނޑައެޅިފައިވާ އަގަށްވުރެ ބޮޑުކޮށް ނުވިއްކޭނެގޮތް ހެދުމަކީވެސް އެކަމުގެ މަޤްޞަދެއްކަމަށް އަމްރު ވިދާޅުވިއެވެ.

މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 1 ކިލޯގެ އާދައިގެ ރަތް ފިޔާވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއެވެ. 1 ކިލޯގެ އާދައިގެ އަލުވީގެ އަގު 20 ރުފިޔާގައި ކޮންޓްރޯލްކޮށްފައިވާއިރު، 1 ކިލޯގެ ރީނދޫ މުގު ވިއްކޭގެ އެންމެ މަތީ އަގަކީ 45 ރުފިޔާއެވެ. އަދި ކުކުޅު ބިހެއްގެ އަގުވަނީ 1.80 ލާރިއަށް ކޮންޓްރޯލްކޮށްފައެވެ.

މި އަގަށްވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ޤަވާއިދާއި ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ވާނަމަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.