ޚަބަރު

ކަރަންޓީނުން އަންނަ މީހުން ބާކީކުރާނަމަ ފެންމަތިވާން ފަށާނީ މާ ނުރައްކާ މައްސަލަތަކެއް - ޑރ.މުރާދު


ކޯވިޑް 19ގެ ސަަބަބުން އެކަހެރިކުރާ މީހުން އަލުން އަނބުރާ މުޖުތަމަޢަށް އައުމުން އެމީހުންނާމެދު ތަފާތުކުރުން ނުބެހެއްޓުމަށް ޑރ.މޫސާ މުރާދު އިލްތިމާސްކުރައްވައިފިއެވެ. ޑރ.މުރާދު ވިދާޅުވީ އެމީހުން ބާކީކުރާނަމަ ބޮޑެތި އިޖްތިމާޢި މައްސަލަތައް ފެންމަތިވާން ފަށާނެ ކަމަށެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ރާއްޖެއަށް އެތެރެވާ ހުރިހާ ދިވެހިންނާއި އަދި ބައްޔަށް ޝައްކުވާ އެއްވެސް އަލާމާތެއް ހުންނަ މީހުންނާއި، ބަލި ޖެހުނު މީހުންނާއި ބައްދަލުވެފައިވާ މީހުން ކަރަންޓީން ކުރަން ފަށާފައެވެ. މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުގައި 1500 އަށްވުރެ ގިނަ މީހުން ބައިތިއްބާފައިވެއެވެ.

އަދި ރިޒޯޓްތައްވެސް ކަރަންޓީންގެ ޙާލަތަށް ގެނެސް، ވަކި އުސޫލެއްގެ ދަށުން ނޫނީ ނުފޭބޭގޮތަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރުން އަންނަ ހުރިހާ މީހުން ކަރަންޓީންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ. އަދި ރިޒޯޓްތަކުން ފޭބުން މަނާކުރިތާ މަހަކަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، އެންމެ ފަހު ފަތުރުވެރިޔާ ރިޒޯޓުން ފޭބިތާ 14 ދުވަސްވެގެން ބައެއް ރިޒޯޓްތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ މިހާރު އަންނަނީ ދެމުންނެވެ.

އަދި މިދިޔަ މަހުގެ 18ގެ ފަހުން 14 ދުވަހުގެ މުއްދަތު ހަމަވެ، އެ މުއްދަތުގައި ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންވެސްވަނީ ދޫކޮށްލަން ފަށާފައެވެ. މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުން 325 މީހުންވަނީ ދޫކޮށްލާފައެވެ. އަދި 18 ރިޒޯޓާއި 43 ސަފާރީއަކުންވެސް މީހުން ދޫކޮށްލުމުގެ ހުއްދަަހެލްތު ޕްރޮޓެކްޝަން އެޖެންސީންވަނީ ދީފައެވެ.
މިގޮތަށް މީހުން ދޫކޮށްލަނީ ކޯވިޑް 19 އާއި ގުޅޭ އެއްވެސް ސިއްޙީ މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށްފަހުއެވެ.

ނަމަވެސް މިގޮތަށް ދޫކޮށްލާ މީހުން މުޖުތަމަޢުއަށް އައުމުން އިތުރު މައްސަލައެއްވަނީ ފެންމަތިވާން ފަށާފައެވެ.

ކޯވިޑް 19އާއި ގުޅޭ މަޢުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ.މޫސާ މުރަދުވަނީ މިކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް 19 އަކީ އާ ބައްޔަކަށްވުމާއެކު މި ބަލީގެ ބިރުވެރިކަން މުޖުތަމަޢުގެ ތެރޭގައި އޮތްކަމަށެވެ. ނަމަވެސް މިބިރުގެ ތެރެއިން ބައެއް ނޭދެވޭ ކަންކަން މުޖުތަމަޢުން ފެންނަން ފަށާފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ބައްޔަށް ޝައްކުވި މީހަކު ނުވަތަ ކަރަންޓީންގައި ތިބެފަ އަންނަ މީހުން އެބަ ބާކީކޮށް ތަފާތުކުރޭ. މިސާލަކަށް އާއިލާ ތެރެއިން މީހަކު ޓެސްޓްކޮށްފިއްޔާ ބައެއް ފަހަރު ގެއަށް ވައްދަން ދެކޮޅުހަދާ ހިސާބަށްވެސް އެބަދޭ." ޑރ މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން ދެން ފެންމަތިވާން ފަށާނީ މިއަށްވުރެ ބޮޑު އިތުރު މައްސަލަތައްކަަމަށެވެ. މީގެ ސަބަބުން މުޖުތަމަޢުން އެފަދަ މީހުން އެކަހެރިވެ، ނަފްސާނީ ދުޅަހެޔޮކަމަށް ދާއިމަށް އަސަރުފޯރާ ޙާލަތަކަށް ހިނގައިދާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"މިފަދަ މައްސަލަ ބޮޑަށް ގުޅިލާމެހެނީ ނަފްސާނީ ދުޅަހެޔޮކަމާއި. އޭރުން އިތުރު މައްސަލަތަކެއް އަނެއްކާ މި އައީ. އެބަ ދިމާވޭ ކަރަންޓީންގައި ތިބޭ މީހުން ނޫނަސް، އެފަދަ މަސައްކަތްތަކުގައި ޝާމިލްވާ މީހުންވެސް ބާކީ ކުރެވޭކަން. ކަރަންޓީގައި ތިބޭ މީހުންނަށް އެހީތެރިކަންދޭ މީހުން ގެއަށް ދިޔައީމަ އެބަ އުޅޭތަނަށް ނުވައްދާ ދޫކޮށްލާ." ޑރ.މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ މި ބައްޔަށް އާއްމުންގެ ހޭލުންތެރިކަން މިހާރަށްވުރެ އިތުރުވުން މުހިންމުކަމަށެވެ. މިގޮތަށް ދޫކޮށްލާ އެންމެންނަކީވެސް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުން ދޫކޮށްލާ މީހުންނަށްވާތީ އެ ބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ނޯންނާނެކަަމަށް ޑރ.މުރާދު ވިދާޅުވިއެވެ.

މީގެއިތުރަށްވެސް ކަރަންޓީނުން އަންނަ މީހުން ދުއްވާ އުޅަނދުފަހަރަށް ނޭރުވުމާއި، އަދި ބައެއް ޚިދުމަތްތައް ހޯދުމުގައިވެސް އެމީހުން ގޮންޖެހުންތައް ދިމާވަމުންދާކަމަށް ޑރ.މުރާދު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ މީހުން ބާކީ ނުކުރުމަށާއި، އަދި އެމީހުންގެ މަޢުލޫމާތުތައް ޢާއްމުކޮށް ނުހެދުމަށް ޑރ.މުރަދު އިލްތިމާސްކުރެއްވިއެވެ.