ޚަބަރު

ރިސޯޓާއި ސަފާރީތައް ހިމެނޭގޮތަށް 355 ތަނަކުން މީހުން ފޭބުމުގެ ހުއްދައަށް އެދިއްޖެ


14 ދުވަހުގެ މުއްދަތު ހަމަވެގެން ސަފާރީއާއި ރިޒޯޓްތައް ހިމެނޭހެން 355 ތަނަކުން މީހުން ފޭބުމުގެ ހުއްދައަށް އެދިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެގެން ރިޒޯޓްތަކާއި ސަފާރީތަކުން އެޗްޕީއޭއަށް އަންގަމުން އަންނަކަމަށެވެ.

ޓޫއަރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި، ރިޒޯޓުން މީހުން ފޭބުމުގެ ހުއްދަ ދެނީ އެންމެ ފަހު ފަތުުރުވެރިޔާ ރިޒޯޓުން ފައިބާތާ 14 ދުވަސް ހަމަވެ އަދި އެ ރިޒޯޓުން ކޯވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ނުފެންނަމައެވެ. ނުވަތަ ރިޒޯޓަށް އެންމެ ފަހު ފަތުރުވެރިއާ އެރިތާ 14 ދުވަހުގެ މުއްދަތު ހަމަވެ އަލާމާތެއް ނުފެންނަނަމައެވެ. ސަފާރީތަކާއި މެދުވެސް ޢަމަލުކުރަނީ މި ޢުސޫލުގެދަށުންނެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ މި އުސޫލާއި އެއްގޮތަށް 14 ދުވަހުގެ މުއްދަތު ހަމަވެގެން ރިޒޯޓާއި ސަފާރީތައް ހިމެނޭގޮތަށް 300 އަށްވުރެ ގިނަ އެންގުން އެޗްޕީއޭއަށް ލިބިފައިވާކަމަށެވެ. އަދި މިހާރު އެ ލިޔެކިޔުންތައް ބަލައި ދޫކޮށްލުމަށް ކަނޑައަޅާ ރިޒޯޓްތަކާއި ސަފާރީތަކަށް އެކަން އަންގަމުންދާކަމަށެވެ.

"ސަފާރީއާއި ރިޒޯޓް ހިމެނޭގޮތަށް 335 މެއިލް މިހާރުވެސްވަނީ ލިބިފައި. 229 މެއިލްއަށް މިހާތަނަށްވަނީ ޖަވާބުދީފައި. އަދި 79މެއިލަށްދަނީ ޖަވާބުދެމުން. މި ފޮނުވާ މަޢުލޫމާތަށް ބެލުމަށްފަހު ރިޒޯޓާއި ސަފާރީތައް ދޫކޮށްލުމާއިމެދު ގޮތެއް ނިންމާނީ." މަބްރޫކް ވިދާޅުވިއެވެ.

މި އުސޫލުގެދަށުން މިހާތަނަށް 18 ރިޒޯޓާއި، 43 ސަފާރީއިން މުއައްޒަފުން ފޭބުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ދީފައެވެ. މިގޮތަށް ހުއްދަ ދެނީ، ހުއްދަ ދިނުމުގެ ކުރިން ރިޒޯޓްގެ ހުރިހާ މުއައްޒަފުންގެ ހެލްތު ސްކްރީނެއް ހެދުމަށްފަހު ކޯވިޑާއި ގުޅޭ އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރުކުރުމަށްފަހުއެވެ.

ރާއްޖޭގައި މިހާތަނަށް 19 މީހުންނަށް ކޯވިޑް 19، ޖެހިފައިވާއިރު ފުރަތަމަ މިބަލި ޖެހުނު ހުރިހާ މީހުންނަކީވެސް ރިޒޯޓްތަކުން ފެނިފައިވާ ކޭސްތަކެވެ. އެއަށްފަހު ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީވެސް ރިޒޯޓްތަކުން މީހުން ފޭބުން އެއްކޮށް ހުއްޓާލުމަށް އެންގުމެވެ. މިކަމާމެދު ގިނަ ސަފާރީތަކަކުންނާއި ބައެއް ރިޒޯޓް މުއައްޒަފުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. ނަމަވެސް މި ފިޔަވަޅަކީ އާއްމުންގެ ތެރެއަށް ބަލި ފެތުރިގެންދިޔަ ނުދިއުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރަށް މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުންވެސް އެޗްޕީއޭއިންވަނީ މުޅިން މަނާކޮށްފައެވެ. އަދި އެއް ރިޒޯޓުން އަނެއް ރިޒޯޓަށް ދަތުުރުކުރުމާއި، ރިޒޯޓްތަކާއި އާއްމުން ދިރިއުޅޭ ރަށްތަކާއި ދެމެދު ދަތުރުކުރުންވަނީ މަނާކޮށްފައެވެ.