ޚަބަރު

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާތިތަކަށް ޚާއްސަ ލޯނެއް ތަޢާރަފްކޮށްފި


ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކާއި ޢާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން "ކޯވިޑް-19 ވިޔަފާރި އެހީ"ގެ ނަމުގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭނެންސް ކޯޕަރޭޝަން އެސްޑީއެފްސީން ލޯނެއް ތަޢާރަފްކޮށްފިއެވެ.

ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕެކޭޖުގެދަށުން ތަޢާރަފްކުރި މިލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީއާއި އެސްޑީއެފްސީ ގުޅިގެން ހުޅުވާލި މި ލޯނަކީ ވިޔަފާރިތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދީ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީވުމުގެގޮތުން އެޅި ފިޔަވަޅެކެވެ.

މިލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ހައެއް އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި ގިނަވެގެން ތިން އަހަރުދުވަހުގެ މުއްދަތުން އަދާކުރާގޮތަށެވެ. މިލޯނުގެ ޝަރުޠުތަކުގެތެރޭގައި ވިޔަފަރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ ދިހަ މިލިއަން ރުފިޔާއަށްވުރެ ދަށްވުމާއި މިޙާލަތާ ގުޅިގެން އަދި ލޯނުއެހީދޭ މުއްދަތުގެ ތެރޭގައިވެސް އެވިޔަފާރީގައި ޝާމިލުވާ އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވުން ހިމެނެއެވެ.