ޚަބަރު

ކޯވިޑް-19 : ޖިނާޢީ މައްސަލަތަކުގެ ޝަރީޢަތްވެސް ވީޑިއޯ ކޮންފަރެންސްއިން


ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމާބެހޭ ޚާއްސަ ޤަވާޢިދެއް އެކުލަވާލައި މިއަދުން ފެށިގެން އެޤަވާޢިދަށް ޢަމަކުރަން ސްޕްރީމް ކޯޓުން ނިންމަވައިފިއެވެ.

ސްޕްރީމް ކޯޓުން އެކުލަވާލައްވާފައިވާ ޤަވާޢިދުގައިވާގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާ ގުޅިފައިވާ އެހެން މާލަންތަކުގައި ތިބޭމީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ މަންޒަރު ފެނި، އެތަނުގައި ދެކެވޭ ވާހަތަކުގެ އަޑު އިވޭނަމަ ޝަރީޢަތް ހިންގާ މާލަމާ ގުޅިފައިވާ މާލަންތަކުގައި ތިބި އެންމެން އެތިބީ އެއްހާޒިރުގައިކަމަށް ބެލެވޭނެކަމަށެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލާފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ހާޒިރުކޮށް، ބާއްވާ ޝަރީޢަތުގެ އަޑުއެހުމެއްގައި، ހާޒިރުކުރެވިފައިވާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ހާޒިރުކުރެވޭ މީހުންނާއި، އެމީހުންނާ ގުޅުންހުރި މަޢުލޫމާތު ކަނަޑައެޅިފައިވާ އިސްމީހެއް މެދުވެރިކޮށް ކަށަވަރުކުރުމަށް ވަނީ ނިންމާފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގަން ކޯޓުން ނިންމާ ޙާލަތުގައ ދަޢުވާލިބޭ ފަރާތް ހުރި ރަށުގެ ކޯޓަށް އެކަންއަންގައި، އަޑުއެހުން ބާއްވާނެ ތާރީޚާއިގަޑި ކަނޑައަޅައި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ދަޢުވާލިބޭ ފަރާތް އެކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމަށްވެސް މިއުސޫލުގައިވަނީ ކަނޑައަޅާފައެވެ.

ސްޕްރީމްކޯޓުން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ހިންގާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީއަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕްކުރާނީ ވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ. އޮންލައިންކޮށް ޝަރީއަތް ގެނެދިަޔަ ނަމަވެސް ބަޔާންތަކުގައި ހެކިން ލައްވައި ސޮއިކުރުމަށް މިގަވާއިދުގައި ކަނޑައަޅާފައިވެއެވެ.