ކޯވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުން ކުޑަކުރުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިއަދުން ފެށިގެން 'އީމެއިލް' މެދުވެރިކޮށް ބީއެމްއެލްއަށް ލޯންތަކަށް އެދި ހުށަހެޅޭނެކަމަށެވެ.
އެގޮތުން މިކަމަށް ޚާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް [email protected] އަށް މެއިލް މެދުވެރިކޮށް ބަލައިގަންނާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ސަރުކާރުން ޤާއިމްކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް ލޯނު ދޫކުރާނީ %6 އިންޓަރެސްޓް ރޭޓުގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކުގައެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.
މި ޕްކޭޖްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ލޯން ދޫކުރާނީ 2019 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކަށެވެ. މީގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.71 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު ރިސޯޓް ވިޔަފާރި ނޫން އެހެނިހެން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ރިސޯޓް ވިޔަފާރިތަކަށް ލޯން ދޫކުރުމުގައި ދިވެހިން ހިންގާ ރިސޯޓްތަކާއި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް %45 ނުވަތަ އެއަށްވުރެ މަތި ރިސޯޓްތަކަށް އިސްކަންދޭނެއެވެ. އަދި ލޯނު ދޫކުރާނީ ވިޔަފާރިތަކަށް 2019 ވަނަ އަހަރު ލިބިފައިވާ ފައިދާއާއި ވިޔަފާރިތަކުގެ ކޭޝްފްލޯއަށް ފާއިތުވެދިޔަ 3 އަހަރު ލިބިފައި ހުރި ކުރިއެރުންތަކަށް ބެލުމަށްފަހުއެވެ. މީގެ އިތުރުން ކޯވިޑް-19އާއި ގުޅިގެން މުވައްޒަފުން ވަކިކޮށްފައިނުވާ ކުންފުނިތަކަށް ލޯނު ދޫކުރުމުގައި އިސްކަންދޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
މި ލޯނާއި ބެހޭ އިތުރު ތަފްސީލު https://www.bankofmaldives.com.mv/covid-19-recovery-scheme އިން ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ހީނަރު ވަމުންދާ އިޤްތިސާދު ކޮޅަށް ނެގުމަށް ސަރުކާރުން ތަޢާރަފްކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބީއެމްއެލްއާއި އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށް މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެއެވެ.