ޚަބަރު

ކޯވިޑް-19 : ދެ ރިސޯޓަކަށް އައި ބިދޭސީއަކު އެނބުރި ޤައުމަށް ދިޔަފަހުން ޕޮޒިޓިވް ވެއްޖެ


ރާއްޖެއަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަތުރުވެރިޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ދެ ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި ފަތުރުވެރިޔާ ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓާއި، ރ.އަތޮޅު ބޮޑުފުށި ރިސޯޓްގައިކަމަށެވެ. މި މީހާ ޗުއްޓީ ނިންމައި އަނބުރާ ޤައުމަށްދިޔަ ފަހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ ކޮންޓެކްޓް ޓްރޭސްކޮށް ނިމެންދެން އެ ދެރިސޯޓްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހުންނަކީ ރާއްޖެއިން ބޭރުގެ މީހުންނެވެ. މިއެންމެވެސް މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާ ހޯދަމުންދަނީ މި ބައްޔަށް ޕޮޒިޓިވްވި 4 ދިވެހިން އެކަންޏެވެ. މި 4 ދިވެހިންވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އިގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ބައްޔަށް ޓެސްޓު ކުރުމުންނެވެ. މިއެންމެގެ ހާލުވެސް ރަގަނޅުކަމަށް އެމީހުން ބަލަހައްޓަމުންދާ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.